ސުޝާންތު ސިންގަށް މަސްތުވާތަކެތި ދިން ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށްފައިވާ، ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަރްތީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މުމްބައި ހައިކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން މިހެން އަމުރު ކުރީ ރިޔާގެ ވަކީލު މިކަމަށް އެތައް ފަހަރު އެދުނު ފަހުންނެވެ. ކުރިން ކޮންމެ ފަހަރަކުވެސް ކޯޓުން ނިންމީ ކަފާލާތުގެ ދަށުންވިޔަސް ރިޔާ ޖަލުން ދޫކޮށްލާނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.
ނަމަވެސް އިއްޔެ ރިޔާ ވަކީލު ކޯޓަށް ހުށައެޅި ބަޔާނުގައި، އޭނާ ބަޔާންކޮށްފައިވާ ގޮތުގައި ސުޝާންތުއަށް މަސްތުވާ ތަކެތި ދިން މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެން.ސީ.ބީ) އިން ރިޔާ ހައްޔަރުކޮށްވަނީ ރަގަޅަށް ނޫން ކަމަށެވެ. މިކަމަށް ދަލީލު ދައްކަމުން ވަކީލު ބުނީ ސުޝާންތު އާ ގުޅުން ހުރި ހުރިހާ ކަމެއް ތަހުގީގު ކުރުމުގެ އިސްފަރާތަކީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވުމުން އެހެން އެހެން އިދާރާއަކުން ރިޔާ ބަންދު ކުރި ކުރުން ގޯސް ކަމަށާ، އެހެންކަމުން ރިޔާ ޖަލުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
މިކަމަށް ޖަވާބުދެމުން ކޯޓުން އިއްވި ހުކުމުގައިވަނީ، އެއް ލައްކަ ރުޕީސް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު ރިޔާ ޖަލުން ދޫކޮށްލެވޭނެ ކަމަށާ، އަދި ރިޔާގެ ޕާސްޕޯޓް ހިފެހެއްޓުމަށާ، މުމްބައި އިން ބޭރަށް ދާނަމަ ފުލުހުންގެ ހުއްދަ ނެގުމަށާ، ކޮންމެ 10 ދުވަހަކު އެއް ދުވަހު އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޟިރުވުމަށް ޝަރުތުކޮށްފައެވެ.
ރިޔާ ދޫކޮށްލުމަށް އެދޭ ކޮންމެ ފަހަރަކު އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބަރްތީ ދޫކޮށްލުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އޭނާ މިނިވަން ކުރުމަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.
