ރާއްޖޭގެ ރަށްތަކުގެ ފަސްގަނޑުގައި ތަފާތު ވައްތަރުގެ ގަސްގަހާގެހި ހެދޭ އިރު، ކުދި މަގުލަކީވެސް މިފަދައިން ހެދޭ ގަހެކެވެ. ސައިންޓިފިކަލީ ކުދި މަގުލަށް ކިޔަނީ ޓަލިނަމް ޕަނިކުލާޓަމް އެވެ. އެކި ގައުމުތަކުގައި އެކި ނަންނަމުން މި ގަހަށް ނަން ކިޔާއިރު، މިއީ ކެއުމަށް ބޭނުން ކުރެވޭ ފަތެކެވެ. ބައެއް ހިސާބު ތަކުގައި ހަކީމީ ބޭސްވެރިކަމުގައިވެސް ކުދި މަގޫ ބޭނުން ކުރެއެވެ. ރޮލާ ކެވޭ މި ގަހުގެ ފަތްތަކަކީ އެހާ ބޮޑެތި ނުވާ، ފެހިކުލަ ގަދަ ފަތްތަކެކެވެ. ވިހަ ރަހައެއް މި ފަތްތަކަކު ނުވެއެވެ. ފެން ރަހައެއް ޒާތު މަޑު ރަހައެއް ހުންނަ މި ފަތަކީ ކެއުމުގައި ކައިރިން ކައި އުޅޭ ފަތެކެވެ. މާނައަކީ ކާ ތަށީގެ ކައިރިއަށް ލުމަށްފަހު، ކާ ކޮންމެ ބަތް ނުވަތަ ރޮށި މުށަކާއި އެކު މީގެ ފަތެއް ކާ އުސޫލުންނެވެ. ސެލެޑް ނުވަތަ ސަޓަންޏާއި މަސްހުންޏަކީވެސް މި ފަތުގައި ތައްޔާރު ކުރެވިދާނެ ތަކެއްޗެވެ.

ކުދި މަގޫ ފަތަކީ އެކި ގޮތް ގޮތުން އިންސާނާގެ ސިއްހަތަށް ފައިދާހުރި ފަތެކެވެ. އެކި ދިރާސާތައް މި ފަތުގެ މައްޗަށް ކުރެވިފާ ހުރީ މި ފަތަކީ ހަކީމީ ބޭސްވެރިކަމުގައިވެސް ބޭނުން ކުރެވޭ ފަތަކަށް ވާތީއެވެ. މި ދިރާސާތަކުން ކުދި މަގޫ ފަތުގައި ތަފާތު އެކި ކަންކަމަށް ފައިދާކުރާ މާއްދާތައް ހުންނަކަން ހާމަވެއެވެ. އެގޮތުން ކުދި މަގޫ ފަތުން ލިބޭ ސިއްހީ ފައިދާތަކުގައި ބޮޑު ދައުރެއް އަދާކުރަނީ ހަޖަމުގެ ނިޒާމާއި ދަރިމައިވުމުގެ ނިޒާމާއި ކުޑަކަމުދިއުމުގެ ނިޒާމުގައެވެ. މިއިން ކޮންމެ ނިޒާމެއްގެވެސް ދުޅަހެޔޮކަން އިރުތުކޮށްދޭ ގިނަ މާއްދާތަކެއް މި ފަތުގައި ވެއެވެ.

ބަނޑު ހިކުމުން ދުރުކޮށްދީ ފުރަގަސް ފަރާތް ފޭބުމުން ދުރުކޮށްދޭން އެހީތެރިވާ މާއްދާތައް މި ފަތުގައި ވެއެވެ. އަދި ހަޖަމުގެ ތަރުތީބު އެއްހަމައެއްގައި ހިފަހައްޓައިދީ ހަޖަމުގެ ނިޒާމުގެ ތެރޭގައި ވައި ހެދުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ގޮހޮރާއި މައިދާގެ ފާރުތަކުގައި ހެދިފައި ހުންނަ ފާރު ތަކަށްވެސް މިއީ މޮޅު ފަރުވާއެކެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް ފަދަ، ވާނުވާ ނޭނގޭ ހަޖަމުގެ ނިޒާމުގެ ބަލިތަކަށްވެސް މި ފަތުން ލުއިތަކެއް ލިބިދެއެވެ.

ދަރިމައިވުމުގެ ނިޒާމުގައި އަންހެނާގެ ގުނަވަންތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ކުދި މަގޫ ފަތުގައި ހުންނަ ގިނަ މާއްދާތަކެއް އެހީތެރިވެދެއެވެ. އެގޮތުން މައްސަރު ކަންކަމުގައި އަޅާ ވޭން ކުޑަކޮށްދީ މައްސަރު ކަންކަމާއި ގުޅިގެން އަންހެނާގެ ކުރިމަތިފަރާތުގައި އުފެދޭ އިންފެކްޝަންތަކުން ދުރުކޮށްދެއެވެ. އަދި ރަހިމުގެ ދޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވުމާއި އެކު، ބިސްރަވައިން އުފައްދާ ހޯމޯނުތަކުގެ ތަރުތީބު އެއްހަމައެއްގައި ހިފަހައްޓައިދުނުމަށް އެހީތެރިވެދޭ މާއްދާތައްވެސް މިފަތުގައިވެއެވެ.

ކުދި މަގޫ ފަތުގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން ކުޑަކަމުދިޔުމުގައި ހުންނަ ދަތިތައް ފިލާދިއުމަށް އެހީތެރިވެދެއެވެ. ކުޑަކަމުދިއުން ކޮންޓްރޯލް ކުރެވޭ އުމުރުގެ ކުޑަކުދިން، ނިދާފައި އޮންނަ ވަގުތު ތަންމަށްޗަށް ކުޑަކަމު ދެވޭ ދެވުމަށްވެސް މިފަތުގައި ކޮންމެވެސް މިންވަރެއްގެ ހައްލެއް ވާކަމަށް ދިރާސާވެރިން ބުނެއެވެ. އަދި ކުޑަކަމުދާ ނިޒާމުގައި ހުންނަ ކުނޑި ސާފުކޮށްދިނުމަށާއި ކުޑަކުދާ ނިޒާމުގައި އިންފެކްޝަން އަށަގަތުމުން ދުރުކޮށްދިނުމަށް މި ފަތުގައި ހުންނަ ބައެއް މާއްދާތައް އެހީތެރިވެއެވެ.

މީގެ އިތުރުން އަދިވެސް މި ފަތުގައި ގިނަ ފައިދާތަކެއް ވާކަން ދިރާސާވެރިން ފާހަގަ ކޮށްފައިވީނަމަވެސް މި ދަންނަވާލެވުނީ އެންމެ އާންމު ފައިދާތަކެވެ. އަމިއްލަ ޒާތުގައި ބިމުން ފަޅައިގެން ހެދޭ މި ކުދި ކުދި ގަސްގަހުގެ ފަތަކީ އަހަރެމެން ދިވެހިންގެ ކެއުމުގައިވެސް ހިސާބަކަށް ހިމަނާލުން މުހިންމު ފަތެކެވެ. ގަނެގެން ކެވެން ހުންނަ ނަމަ ގަނެގެންވެސް ކާންވީއެވެ. ފަތް ނުކާން އުޅޭ މީހުންނަށް ވެސް ކުދި މަގޫ ފަތް ކެވޭނެއެވެ. އެހެނީ މި ފަތުގައި ގަދަ ހިތި ރަހައެއް ނުހުންނާތީއެވެ.