މިހާރު ކުރިއަށްދާ 3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ކުޅުނު ފަހު މެޗުގައި 1-0 އިން ރަތްވިލާ ބަލިކޮށް އެ ޓީމުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު އަޅިވިލާ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހޯދީ ފަސް ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނޫވިލާ އާއި ފެހިވިލާ އަދި އެންމެ ފުލުގައި އޮތް ރަތްވިލާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ނޫވިލާ އާއި ފެހިވިލާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.

ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އަޅިވިލާ އިން ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީގެން ދެވަނަ މިނެޓުގައި އަޅިވިލާ އަށް މިލަނޑުޖަހައިދިނީ އަހުމަދު ރައްޔާން އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް ރައްޔާން އެވެ.

ރަތްވިލާއާ ދެކޮޅަށް އަޅިވިލާ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޅިވިލާގެ އަހުމަދު ރައްޔާން (ވ) އެވޯޑާ ހަވާލުވަނީ. --ފޮޓޯ: ފޭސް

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.

މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނޫވިލާ ނިކުންނާނީ ފެހިވިލާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 3:50 ގައެވެ.