އެންމެ ފަހުން "ތައްޕަޅް" އިން ފެނިގެން ދިޔަ ކުޅަދާނަ އެކްޓްރެސް ތާޕްސީ ޕަންނޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެެއެވެ. މި ހަފްތާގެ ކުރީކޮޅު ރާއްޖެއަށް ދަތުރުކުރި ތާޕްސީ އައީ އޭނާގެ އެއްބަނޑު ޝަގުން ޕަންނޫ އަދި ތިމާގެ ކުއްޖެއްކަމަށްވާ އިވާނިޔާ ޕަންނޫ އާއި އެކުގައެވެ. ތިން މީހުން ޗުއްޓީ ހޭދަކުރަމުންދަނީ މާލެ އަތޮޅު ތާޖް އެގްޒޯޓިކާ ރިސޯޓްގައެވެ.
ތާޕްސީ ގެ ޗުއްޓީގެ ފޮޓޯތައް އޭނާ އިންސްޓަގްރާމް އަދި އެހެން މީހުންގެ ޓްވިޓަރ އެކައުންޓްތަކުން އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސް ދެމުންނެވެ. މީގެ ތެރެއިން އެއް ފޮޓޯއެއްގައި ތާޕްސީ ފެންނަނީ ހެނދުނުގެ ވަގުތު، މޫދަށްވާ ގޮތަށް އަޅާފައިވާ ދާގަނޑެއްގެ އަރިމަތީގައި އިށީނދެގެން އިންނަ މަންޒަރެވެ. ސްވިމިން ސޫޓްގައި އިން ތާޕްސީ ގެ މި ފޮޓޯ އާންމު ކުރަމުން އޭނާ ލިޔެފައިވަނީ، ހެނދުނު އަވަހަށް ހޭލުމަކީ ރޫހަށް ދިރުން ގެނެސްދޭ ކަމެއްކަމަށް ބުނާތީ އޭނާވެސް އެ ކަން ތަޖުރިބާ ކުރަމުން ދާ ކަމަށެވެ. ތާޕްސީގެ ޗުއްޓީއަކީ އިންޑިޔާގެ ކޮވިޑްގެ ޙާލަތު މަޑުމަޑުން ހަމައަކަށް އެޅެމުން ގޮސް ފިލްމީ މަސައްކަތް ފެށުމަށް ތައްޔާރުވަމުނ ދާތީ އޭގެ ކުރިން ހިތް ހަމަ ޖައްސާލާ ތާޒާކޮށްލުމަށް ނެގި ޗުއްޓީއެކެވެ.

ތާޕްސީގެ ޗުއްޓީ ފޮޓޯތައް ފެނި އިންޑިޔާގެ ފިލްމީތަރި އަލީ ފަޒަލް ވަނީ ތާޕްސީ އާއި މެދު "ހަސަދަ"ވެރި ވާކަމަށް ބުނެފައެވެ. ތާޕްސީގެ ފޮޓޯތަކުން ދިވެހިރާއްޖޭގެ ރީތިކަން ފެނި އޭނާވެސް ރާއްޖެ ދާން ބޭނުންވާ ކަމަށް އަލީ ފަޒަލް ވަނީ ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ. އަލީ ފަޒަލް އާއި ތާޕްސީ އެކުގައި ވަނީ "ތަޅްކާ" އިން ފެނިފައެވެ. ތާޕްސީ އިތުރަށް ސޯޝަލް މީޑީޔާގައި ހިއްސާ ކުރި ފޮޓޯތަކުގެ ތެރޭގައި އިރު އަރަމުން ދިޔަ ވަގުތު އަތްތިލައިގައި އިރު އިންނަ ގޮތަށް ސިފަވާ ފޮޓޯ އަކާ ރިސޯޓްގެ ޖެޓީ ކާރިއަށް ކޮންމެ ދުވަހަކު އަންނަ މަޑިތަކާއެކު ނަގާފައިވާ ފޮޓޯވެސް ހިމެނެއެވެ.
ތާޕްސީގެ ޗުއްޓީގެ ޚަބަރު ގެނެސްދިން އިންޑިޔާގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ރާއްޖެއަކީ ރީތިކަމުގެ ދެވަނަ އެއް ނެތްފަދަ ގައުމެއް ކަމަށާ، މިދުވަސްވަރު ރާއްޖެއަށް ދަތުރުކުރަން އެންމެ ފަސޭހަ ސަބަބަކީ ރާއްޖޭގައި ކަރަންޓީން ވާން ނުޖެހުން ކަމަށެވެ. ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޭނުންވަނީ 72 ގަޑިއިރު ތެރޭގައި ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމެވެ.
ތާޕްސީ ގެ އިތުރުން އިންޑިޔާ ގެ މަސްޙޫރު ދެ ތަރިން ވަނީ ދިވެހިރާއްޖޭ ގައި ދާދި ފަހުން ޗުއްޓީ ހޭދަކޮށްފައިއެވެ. އެއީމޯނީ ރޯއި އާއި މަންދިރާ ބޭދީއެވެ. އެމީހުން ޗުއްޓީ ހޭދަ ކުރީ ސޮނޭވާފުށީގައިއެވެ. ރާއްޖެ އަށް އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޗުއްޓީ ހޭދަކުރަން އަންނަ މޯނީ މި ފަހަރު އައީ އޭނާގެ އުފަންދުވަސް ހޭދަކުރުމަށެވެ.
