ޝާހްރުކް، އެ ފިލްމެއްގެ ޝޫޓިންގގައި މިދުވަސްކޮޅު އަވަދިނެތި އުޅެމުންދާ ފިލްމު "ޖަވާން"އަކީ ތަމަޅަ ފިލްމެއްގެ ކޮޕީއެއް ކަމަށްބުނެ 'ޓަމިލް ފިލްމް ޕްރޮޑިއުސަރސް ކައުންސިލް'އަށް ޝަކުވާ ހުށަހަޅައިފިއެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަތުލީ ކުމާރަކީ މީގެ ކުރިން ވަރަށް ކާމިޔާބު 03 ފިލްމެއް ހަދައިފައިވާ ޑައިރެކްޓަރެކެވެ. އެޔަށްފަހު އަތުލީއަކީ އިންޑިއާގައި އަރަމުން އަންނަ މޮޅު ޑައިރެކްޓަރެއް ކަމަށް ބައެއް މީހުން ބުނެއެވެ. އަތުލީ މިހާރު ދަނީ ޝާހްރުކާއެކު އޭނާގެ ދެން އޮތް ފިލްމު "ޖަވާން"ގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ޕްރޮޑިއުސަރު މަނިކާމް ނާރަޔާނަން ދާދިފަހުން މިވަނީ "ޖަވާން"އަކީ 2006 ވަނަ އަހަރު ރިލީޒްކުރި ވިޖޭޔަކާންތުގެ ތަމަޅަ ފިލްމު "ޕެރަރާސޫ"ގެ ކޮޕީއެއް ކަމަށްބުނެ 'ޓަމިލް ފިލްމް ޕްރޮޑިއުސަރސް ކައުންސިލް'އަށް ޝަކުވާ ހުށަހަޅައިފައެވެ.
އޭނާ ބުނެފައިވަނީ މި 2 ފިލްމުގެ މައިގަނޑު ވާހަކައަކީ ހަމަ އެކައްޗެއް ކަމަށެވެ. އަދި މިއީ އަތުލީގެ ފިލްމަކަށް މި މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ވެސް ނޫން ކަމަށެވެ.
"ޖަވާން"ގެ ޝޫޓިންގތައް ފެށިގެން މިހާރު ކުރިއަށް ދާއިރު މިއީ ޝާހްރުލކްގެ ދަބަލް ރޯލުް ފެނިގެންދާނެ ފިލްމެކެވެ. ހަމަ މިފަދައިން "ޕެރަރާސޫ"ގައި ވެސް ވިޖޭޔަކާންތުގެ ޑަބަލް ރޯލު ފެނިގެންދެއެވެ.
'ޓަމިލް ފިލްމް ޕްރޮޑިއުސަރސް ކައުންސިލް'އިން މައްސަލަ ތަޙުޤީޤުކުރަން މިހާރު ފަށައިފައިވާއިރު ޝާހްރުކްގެ ފޭނުން ވެސް އަދި އަތުލީގެ ފޭނުން ވެސް ދެކެން ބޭނުންވާނީ ފިލްމުގެ މަސައްކަތް ހުއްޓާލަން ނުޖެހި ކާމިޔާބު ކަމައެކީ ނިންމާލެވިގެން ދާ މަންޒަރު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
