ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ އައު ހާބަރގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %92 ނިންމާލެވިފައިވާ ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފަ އެވެ. އަދި 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިއީ 47.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.