ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަކީ ވަރަށް ގިނަ ބައެކެވެ. ނަމަވެސް މިއަދު ވޭޕާއި އީ-ސިނގިރެޓް ބޭނުން ކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ. ކުރިން ސިނގިރެޓު ނުބޯ އެތައް ބަޔަކު މިއަދު ވޭޕު ކުރަން ފަށައިފިއެވެ. އާދޭހެވެ! އެމީހުން ދުންފަތުގެ އިސްތިއުމާލެއް ނުކުރެއެވެ. އެހެނަސް ވޭޕް ކުރެއެވެ. އީ-ސިނގިރެޓް ބޮއެ ހަދައެވެ. ޝީޝާ ފަދަ ތަކެތި ބޮއެ އުޅެއެވެ.

ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުނާ ތަފާތެވެ. ވޭޕް ކުރާ ނަމަ ތުންފަތުގެ އިސްތިއުމާލެއް ނުކުރެވެއެވެ. އެހެނަސް ސިނގިރެޓު ބޯނަމަ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެ ބޭނުން ކުރެވެނީ ސީދާ ދުންފަތެވެ. އަހަރެމެން އެންމެންވެސް ގަބޫލު ކުރާ ގޮތުގައި ދުންފަތަކީ އޭގައި ވިހަ މާއްދާތައް އެކުލެވޭ ހަށިގަނޑަށް އެތައް ގެއްލުންތަކެއް ދޭ އެއްޗެކެވެ. އޭގައި ހުންނަ ޓާރ އާއި ނިކޮޓިން ގެ މާއްދާއަކީ އިންސާނާގެ ސިއްހަތު ހަލާކު ކޮށްލުވާފަދަ ނުރައްކާތެރި ވިހަ މާއްދާތަކެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުން ވެގެން ދަނީ ހިތުގެ ބަލިތަކުގެ ހިރާސް ބޮޑު މީހުންގެ ތެރޭގައެވެ. އެކަން އެންމެން ދަނެއެވެ.

ވޭޕް ކުރާ މީހާ ދުންފަތުގެ އިސްތިއުމާލެއް ނުކުރެއެވެ. އެހެނަސް އޭނާ ކުރަނީ އެހެން އިސްތިއުމާލެކެވެ. އީ-ސިނގިރެޓް ނުވަތަ ވޭޕް ގައި ހުންނަނީ ދިޔަވަރެކެވެ. އިލެކްޓްރޯނިކް މި އާލާތުގައި އުފައްދާ މަޑު ހޫނަކުން އެ ދިޔަވަރު އަންދާލައެވެ. އެއާއި އެކު އެ ދިޔަވަރުން ދުމެއް އުފެދެއެވެ. ވޭޕް ބޯ މީހުން ދަމަނީ މި ދުމެވެ. ދުންފަތާއި ހިލާފަށް މި ދުމުގައި ދުންފަތުގެ އެއްވެސް އަސަރެއް ނުހުންނާނެއެވެ. އެހެނަސް މި ދުން ފުރިގެންވަނީ ތަފާތު ވިހަ ކެމިކަލް ތަކުންނެވެ. މި ވިހަ ކެމިކަލް ތަކާއި އެކު ދުންތައް އަރަމުން ދާ އިރު އޭގައި ތަފާތު މީރު ރަހަތައް ދޭ ގޮތަށް އެ ދިޔަވަރުތައް ވަނީ ފަރުމާކޮށްފައެވެ. ނަތީޖާއަކަށް ވަނީ އެ ރަހަތަކުގެ ރާހަތުގައި ގިނަ ޒުވާނުން ޖެހި ވޭޕް ކުރުމުގެ އާދަ އަކީ ފެޝަނެއް ކަމުގައި ދެކުމެވެ.

ވޭޕުގެ ގުމާއި އެކު އުފެދޭ ކެމިކަލް ތަކުގެ ތެރޭގައި ބަރު ދަގަނޑުގެ މާއްދާތަކެއް ހިމެނޭކަމަަށް ދިރާސާވެރިން ދެކިލައްވައެވެ. އޭގެތެރޭގައި ނިކެލް ނަމަކަށް ކިޔާ ކެމިކަލަކާއި ޒިންކާއި ލެޑާއި ކެޑްމިއަމް ފަދަ މާއްދާތައް ހުރެއެވެ. މީގެ އިތުރުން ނައިޓްރޯސަމިންސް އާއި އެސެޓަލްޑިހައިޑްސް އާއި ޕްރޮޕައިލީންގްލައިކޯލް އާއި ޑިއަސެޓައިލް އާއި ފޯމަލްޑިހައިޑް އަދި އަލްޓްރާފައިން ޕާޓިކްސް އަކީ ވޭޕް ނުވަތަ އީ-ސިނގިރޭޓް ގެ ދުމުން ހޯދިފައިވާ ނުރައްކާތެރި ވިހަ މާއްދާތަކެވެ. މީގެ އިތުރުންވެސް އަދިވެސް އިތުރު ވިހަ ކެމިކަލް މާއްދާތައް އެކުލެވޭ ކަމަށް ދިރާސާވެެރިން ވިދާޅުވެއެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ފަދައިން ވޭޕް ކުރުމުން ބޮޑުވަނީ ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެގޮތުން ފުއްޕާމޭގެ ރައްކާތެރިކަމަށްޓަކައި ފުއްޕާމޭގެ ވަށައިގެންވާ ތުނި ފަށަލައެއްގައި ފެން ހަރުލާ ގޮތް ވެއެވެ. ބައެއް ފަހަރަށް އެ ފަށަލައަށް އަނިޔާއެއް ލިބި، އެ ފަށަލަ ތެރޭގައި ލޭ ޖަމާވާ ގޮތްވެސް ވެއެވެ. ފުއްޕާމޭގެ ތެރޭގައޖ ހުންނަ ކުދިކުދި އަލްވިއޮލައި ނަމަކަށް ކިޔާ ކުނޑިފުއްތަކެއް ފަދަ ގުނަންތަކުގެ އެތެރޭގެ ފަށަލާގައި ގެދަބުޅި ހަރުލާގޮތް ވެއެވެ. އެހެން ދިމައިވަނީ އިސްވެ ދެންނެވި ވިހަ ކެމިކަލްގެ މާއްދާތަކުގެ ސަބަބުންނެވެ. މި ގެދަބުޅިތަކުގެ ސަބަބުން، އެ އަލްވިއޮލައި ތަކުގައި ވައި ދައުރުވުން ހިސާބަކަށް ހުރަސް އެޅެއެވެ. އެއާއި އެކު އެތަނުގައި އުފެދޭ ވައިގެ ޕުރެސަރު މަތިވެއެވެ. ނަތީޖާއެއްގެ ގޮތުން އެ އަލްވިއޮލައި ފަޅައިގެން ގޮސް ފުއްޕާމޭގެ ތެރޭގައި ލޭ ހެދޭ ގޮތް ވެއެވެ. އަދިވެސް އިތުރު އެހެން ގެއްލުންތައް ވޭޕް ކުރުމުން ނުވަތަ އީ-ސިނގިރެޓް ބޭނުން ކުރުމުން ދިމައިވެއެވެ. 

މިކަމުގައި އިދިވެސް އިތުރު ދިރާސާތައް ދަނީ ހޯދަމުންނެވެ. ކޮނުނު ކޮނުނުހެން ވަނީ ފަސް ގިނައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ، ވޭޕް ކުރުމަކީ ވަކި ރައްްކާތެރި ރަނގަޅު ގޮތެއް ނޫނެވެ. އިތުރަށް ކުރެވޭ ދިރާސާތަކުން ފަހަރުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ، ވޭޕް ގެ ނުރައްކާ ބޮޑުތަނުން ބޮޑުކަމުގައި ދައްކަފާނެއެވެ.

ފެޝަނެއްކަމަށް ހަދާ ވޭޕް ނުކުރާށެވެ. އެ ފެޝަނުވައި ތިމާ ނެތިގޮސްފިނަމަ، އެކަން ފެޝަނަކަށް ވޭ ހެއްޔެވެ؟ ބަޔަކު ކުރާތީވެސް ވޭޕް ނުކުރާށެވެ. ދުންފަތާ ވޭޕް ކުރުމާއި އީ-ސިނގިރެޓް ފަދަ ތަކެތި ބޭނުން ކުރުމާ ދުރުހެލިވާށެވެ. އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަން ހޯދާނީ އެމީހެކެވެ. އަޅުގަނޑުމެނަށް ބުނެވޭނީއެވެ.