މިހާރު ކުރިއަށްދާ 3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގައި ނޫވިލާއާ ފެހިވިލާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، އެ ދެ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދިއިރު އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ލީގު ބުރުގެ ހުރިހާ މެޗެއް މިއަދު ނިމުނުއިރު، އަޅިވިލާ އެއްވަނައިގައި އޮތީ ތިން މެޗުން ހޯދީ ފަސް ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ފެހިވިލާ އާއި ނޫވިލާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި ދެ ޕޮއިންޓާއެކު އޮތް ރަތްވިލާ މުބާރާތުން ކަޓައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.
ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ނޫވިލާ އިންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އާދަމް ޝާހީމް (އާނާ) އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، ފެހިވިލާ އިން ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ހަސަން ޝަހީލް (ބައްޓޭ) އެވެ.
މެޗުގެ 76 ވަނަ މިނެޓުގައި މުހައްމަދު ޝަހުދާން ވައްދާލި ލަނޑާއެކު ފެހިވިލާ އިން ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގައިފައެވެ. އެކަމަކު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ނޫވިލާގެ މޫސާ ސަފްއާން ވަނީ އެ ޓީމަށް މި މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ.
މިއަދު ހަވީރު ކުޅުނު މި މެޗާއެކު ލީގު ބުރު ނިމިގެންދިޔައިރު، އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ވަނީ ސީދާ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގެ ދެ ޖާގަ ކަށަވަރުކުރީ ފެހިވިލާ އާއި ނޫވިލާ އެވެ.
މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.
މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅެވޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު 3:50 ގައެވެ. އެ ދުވަހު ކުޅޭ ސެމީގައި ނޫވިލާ ނިކުންނާނީ ފެހިވިލާއާ ދެކޮޅަށެވެ.
