ރާއްޖެއަށް އަންނަ ފަތުރު ވެރިންނަށް ޚާއްސަކޮށް ލޯޔަލްޓީ ޕްރޮގްރާމެއް ފެށުމަށް ރާއްޖެއިން ތައްޔާރުވެއްޖެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން އިމިގްރޭޝަންގެ ފަރާތުން ކުރި ޓްވީޓެއްގައި މިކަމުގައި މައުލޫމާތު ވަނީ ޙިއްސާކޮށްފަ އެވެ. 1 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ރާއްޖޭގެ ބޯޑަރ އަށް ވަދެ ނިކުމެ ހަދާ ކޮންމެ ފަހަރަކަށް ޕޮއިންޓް ލިބޭނެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސްގެ ނަމުގައި ހިންގަން ރާވާ މި ޕްރޮގްރާމް ވަނީ 3 ގިންތި އަކަށް ބެހިފައެވެ. ރާއްޖެއަށް ކުރާ ކޮންމެ ޒިޔާރަތަކަށް އަދި މި ޒިޔާރަތުގެ ދިގު މިނަށް ޕޮއިންޓް ދެވޭ އިރު، ޗުއްޓީގެ ތެރޭގައި ރާވާ ޚާއްސަ ޙަފްލާތަކަށް އިތުރު ޕޮއިންޓް ލިބޭނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ގިންތި އަކީ ބްރޯންޒް ނުވަތަ އައިދަ އެވެ. ދެން އެއަށް ވުރެ މަތިވުމުން ބަދަލު ވާނީ ސިލްވަރ ނުވަތަ އަންތަރަ އަށެވެ. އެންމެ މަތީ ގިންތިއަކީ ގޯލްޑް ނުވަތަ އަބާރަނައެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އިމިގްރޭޝަނުން އިސްނަގައިގެން ހިންގަން ރާވާ ޕްރޮގްރާމެކެވެ.
