ބޮލީވުޑްގެ ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއް އަދި އެކްޓަރެއް ކަމަށްވާ އަރްބާޒް ޚާން އަނެއްކާވެސް އޭނާގެ ބޭބެ ސަލްމާން ޚާން 'ޗުލްބުލް ޕާންޑޭ'ގެ ނަމުގައި އަނބުރައި ސްކްރީންތަކަށް ގެންނަން އުޅޭކަން ކަށަވަރު ކޮށްދީފިއެވެ.
2010ގައި ފެށި "ދަބަންގ"ގެ 3 ފިލްމެއް މިހާތަނަށް ވަނީ ނެރެފައެވެ. ޗުލްބުލް ޕާންޑޭގެ ނަމުން ސަލްމާން މި ފިލްމުތަކުގައި ވިދާލާފައިވާއިރު މި 3 ފިލްމަކީ ސަލްމާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 3 ފިލްމެވެ. އެހެނީ ދަބަންގ ފްރެންޗައިސްގެ ފިލްމުތަކަކީ ވަރަށް ގިނަ ބައެއްގެ ތަރުޙީބު ލިބިގެން ދިޔަ ފިލްމުތަކެކެވެ.

"ދަބަންގ"ގެ 3 ވަނަ ފިލްމު 2019ގެ ޑިސެމްބަރު މަހު ވަނީ ރިލީޒްކޮށްފައެވެ. އަދި އެފިލްމަށްފަހު "ދަބަންގ 4"ގެ އިޝާރާތެއް ސަލްމާން ވެސް ވަނީ ދީފައެވެ. ނަމަވެސް މިފަހަަރު، "ދަބަންގ"ގެ ޕްރޮޑިއުސަރު އަރްބާޒް މިވަނީ ފޭނުންނަށް މިކަން ކަށަވަރު ކޮށްދީފައެވެ. ޕިންކްވިލާއަށް އަރްބާޒް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ދަބަންގ 4"ގެ މަސައްކަތް މިހާރު ޕައިޕްލައިންގައި އެބައޮތް ކަމަށާއި، ސަލްމާން މިހާރު މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށްފަހު ވީހާވެސް އަވަހަކަށް ސަލްމާނާއި ދެމީހުން ވެގެން "ދަބަންގ 4"ގެ ސްކްރިޕްޓްގެ މަސައްކަތް ފަށާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން އަރްބާޒް ބުނީ "ދަބަންގ 2"އާއި "ދަބަންގ 3"އާ ދެމެދު ވީހާ ގިނަ ދުވަސްތަކެއް "ދަބަންގ 3"އާއި "ދަބަންގ 4"އާ ދެމެދު ނުނަގާނެ ކަމަށެވެ.
