ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ކުޅެންޖެހުނުއިރު، ޕީއެސްޖީ ނިކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ.
މިދިޔަ ސީޒަނުގެ ފައިނަލުގައި ލިވަޕޫލް އަތުން 1-0 އިން ރެއާލް މޮޅުވިއިރު، އޭގެ ކުރީން 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ.
މިހާތަނަށްއައިއިރު މި ދެ ޓީމުގެ މެދުގައި ކުޅެވުނު ވާދަވެރި ނުވަ މެޗުގެ ތެރެއިން ރެއާލުން ފަސް މެޗުން މޮޅުވިއިރު، ލިވަޕޫލް މޮޅުވީ ތިން މެޗުންނެވެ. އަނެއް މެޗުން ދެ ޓީމު ވީ އެއްވަރެވެ. މީގެތެރެއިން މި ދެ ޓީމުގެ މެދުގައި އެންމެ ފަހުން ކުޅެވުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރީ ރެއާލުންނެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ޕީއެސްޖީއާ ބަޔާންގެ ކުރިމަތިލުމެވެ. މި މުބާރާތުގެ ތާރީޚުގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު 11 މެޗުގެ ތެރެއިން ޕީއެސްޖީ ވަނީ ހަ މެޗުން މޮޅުވެފައެވެ. ބަޔާން މޮޅުވީ ފަސް މެޗުންނެވެ. އެގޮތުން، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރީ ބަޔާން އިންނެވެ. ޕީއެސްޖީ މޮޅުވީ ދެ މެޗުންނެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި މުބާރާތުގެ ދެ ޗެމްޕިއަނުންގެ ކުރިމަތިލުމެއްގައި އިޓަލީގެ އިންޓަ މިލާނުން ޕޯޗުގަލްގެ ޕޯޓޯއާ ބައްދަލުކުރާ މެޗާއި، މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޗެލްސީން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއާ ކުޅޭ މެޗު ހިމެނެއެވެ.
މުބާރާތުގެ ދެވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިޓަލީގެ އޭސީ މިލާނުން ނިކުންނާނީ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. ޖަރުމަނުގެ އާރްބީ ލިޕްޒިގު ބައްދަލުކުރާނީ އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެވެ.
އިޓަލީގެ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީ އަށް ދެވަނަ ބުރުގައި ކުޅެން ޖެހެނީ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްއާ ދެކޮޅަށެވެ. މުޅިން އަލަށް ނޮކްއައުޓް ބުރުގައި ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖް ނިކުންނާނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ.
ގަދަ 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 14-15 އާއި 21-22 ގައެވެ. އަދި ދެވަަނަ ލެގުގެ މެޗުތައް އޮންނާނީ މާރިޗް މަހުގެ 7-8 އާއި 14-15 ގައެވެ.
