މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި އާސެނަލްގެ ފޯވާޑް ގެބްރިއެލް މާޓިނެއްލީ ހިމެނުނުއިރު، ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ޖާގައެއް ނެތެވެ.

މިފަހަރުގެ ސްކޮޑުގައި އެންމެ ފަހުން ކުޅެވުނު އެކުވެރިކަމުގެ މެޗަށް ނެގި ކުޅުންތެރިންގެ ތެރޭގައި ނުހިމެނުނު އާސެނަލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ފުރުޞަތު ދީފައިވެއެވެ. އެކަމަކު، އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު ގެބްރިއެލް މަގަލޭޝް އަށް ޖާގަ ނުލިބުނެވެ.

ވޯލްޑް ކަޕްގެ ތާރީޚު ދުށް އެންމެ މޮޅު ޓީމު ކަމަށްވާ ބްރެޒިލުން މިފަހަރު ނެގި ސްކޮޑުގައި ޕްރިމިއާ ލީގަށް ނިސްބަތްވާ 12 ކުޅުންތެރިއަކު ހިމެނެއެވެ. އޭގެތެރޭގައި، ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ނިއުކާސަލް ޔުނައިޓެޑް ބްރޫނޯ ގިމަރޭޝްގެ އިތުރުން ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ ލޫކަސް ޕަކޭޓާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް އާއި ކަސެމީރޯ ހިމެނެއެވެ.

ޓީޓޭ ނެގި ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ނުވަ ފޯވާޑުން ހިމެނުނުއިރު އޭގެ ތެރޭގައި ލިވަޕޫލްގެ ފިރްމީނޯ،31، ނުހިމެނުމެވެ. މިހާރު ކުރިއަށްދާ ސީޒަނުގައި ޕްރިމިއާ ލީގުގައި ފިރްމީނޯ ވަނީ ކުޅުނު 12 މެޗުގައި ހަ ލަނޑުޖަހައިފައެވެ. އެކަމަކު، އާސެނަލްގެ ޒުވާން ފޯވާޑް މާޓިނެއްލީ އަށް 13 މެޗުން ފަސް ގޯލެވެ.

ރޮބާޓޯ ފިރްމީނޯ (ވ) ބްރެޒިލަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އޭޕީ

ލިވަޕޫލާއެކު ކުރީން މޮޅު ކުޅުމެއް ދެއްކި ފިރްމީނޯ އަށް ފަހަކަށްއައިސް ބްރެޒިލްގެ ސްކޮޑުން ޖާގަ ހޯދުމަކީ ވެސް އުނދަގޫ ކަމެކެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ފެނިގެންދިޔައީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗުގައެވެ.

ބްރެޒިލްގެ ސްކޮޑުގައި ހިމެނޭ ފޯވާޑުންގެ ތެރޭގައި، ޕީއެސްޖީގެ ނޭމާ، ރެއާލް މެޑްރިޑްގެ ވިނީޝަސް ޖޫނިއާ އާއި ރޮޑްރީގޯގެ އިތުރުން ބާސެލޯނާގެ ރަފީނިއާ،  މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ރިޗާލިސަން އަދި ފްލެމެންގޯގެ ފޯވާޑް ޕެޑްރޯ ހިމެނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވާނީ ކުރީން ބާސެލޯނާ އާއި ޔުވެންޓަސްގެ އިތުރުން ޕީއެސްޖީ އަދި ސެވިއްޔާ އަށް ކުޅުނު އަބަދަށްފެހި ކަނާތު ފުލްބެކް ޑެނީ އަލްވޭސް އެވެ. އަލްވޭސް، 39، މިހާރު ކުޅެމުން އަންނަ މެކްސިކޯގެ ޕޫމާސް އަށެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ. އެއަށްފަހު އެ ޓީމަށް އޮތީ ސްވިޒަލެންޑާއި ކެމަރޫނާ ދެކޮޅަށް ކުޅޭ މެޗެވެ.

ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: އެލިސަން ބެކާ (ލިވަޕޫލް)، އެޑަސަން މޮރައެސް (މެންޗެސްޓާ ސިޓީ)، ވެވާޓަން (ޕަލްމެއިރާސް)؛

ޑިފެންޑަރުން: ޑެނީ އަލްވޭސް (ޕޫމާސް)، ޑަނީލޯ އާއި އަލެކްސް ސެންޑްރޯ (ޔުވެންޓަސް)، އަލެކްސް ޓެލޭސް (ސެވިއްޔާ)، ބްރެމާ (ޔުވެންޓަސް)، އެޑާ މިލިޓާއޯ (ރެއާލް މެޑްރިޑް)، މާކީނޯސް (ޕީއެސްޖީ)، ތިއާގޯ ސިލްވާ (ޗެލްސީ)؛

މިޑްފީލްޑަރުން: ކަސެމީރޯ އާއި ފްރެޑް (މެންޗެސްޓާ ޔުނައިޓެޑް)، އެވަޓަން ރިބެއިރޯ (ފްލެމެންގޯ)، ބްރޫނޯ ގިމަރޭޝް (ނިއުކާސަލް ޔުނައިޓެޑް)، ފަބީނިއޯ (ލިވަޕޫލް)، ލޫކަސް ޕަކޭޓާ (ވެސްޓް ހޭމް)؛

ފޯވާޑުން: އެންތަނީ (މެންޗެސްޓާ ޔުނައިޓެޑް)، ގެބްރިއެލް ޖެސޫސް އާއި ގެބްރިއެލް މާޓިނެއްލީ (އާސެނަލް)، ނޭމާ (ޕީއެސްޖީ)، ޕެޑްރޯ (ފްލެމެންގޯ)، ރަފީނިއާ (ބާސެލޯނާ)، ރޮޑްރީގޯ އާއި ވިނީޝަސް ޖޫނިއާ (ރެއާލް މެޑްރިޑް)، ރިޗާލިސަން (ޓޮޓެންހަމް ހޮޓްސްޕާ).