ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން ބަލިވެ، ރެއާލް މެޑްރިޑަށް ތާވަލްގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ. މި މެޗުން ރަޔޯ މޮޅުވީ 3-2 އިންނެވެ.
މިއީ މިފަހަރުގެ ސީޒަނުގައި ލީގުގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ މެއި މަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.
ރޭގެ ނަތީޖާއާއެކު އެންމެ ކުރީގައި އުޅޭ ބާސެލޯނާ އަށް ލިބިފައިވަނީ 13 މެޗުން 34 ޕޮއިންޓެވެ. ރެއާލް ދެވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ އާއި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އަށް 24 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އަށް ކުރިލިބެނީ ޖެހި ގޯލުންނެވެ.
ރަޔޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ފްރޭން ގާސިއާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަންޓީ ކޮމެސާނާ އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ރެއާލަށް އެއްވަރުކޮށްދިނީ ލޫކަ މޮޑްރިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މާކޯ އަސެންސިއޯ އަށް ރަޔޯގެ ފްރޭން ގާސިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މޮޑްރިޗް ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، އަސެންސިއޯ ނެގި ކޯނަރަކުން އެޑާ މިލިޓާއޯ ވަނީ ފުރަތަމަ ފަހަރަށް ރެއާލަށް ލީޑްނަގައިދީފައެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރީން ރަޔޯގެ އަލްވާރޯ ގާސިއާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.
ރަޔޯ އިން މި މެޗުގައި އަލުން ލީޑްނެގީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮސްކާ ޓްރެޖޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ޑެނީ ކަރްވަހާލްގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރެއާލަށް އެއްވަރުކޮށްދޭން އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ އާއި ވިނީޝަސް ޖޫނިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗު ނިމެން ދަނިކޮށް ރަޔޯގެ ލީޑް ފުޅާކޮށްދޭން ފްލޮރިއަން ލެހުއޭން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.
ލީގުގައި ރެއާލަށް ދެން އޮތީ އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗެވެ.
