ދިވެހި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި "ސްޓެޕް ސާވޭ 2020-2021" ގެ ނަތީޖާއާ މި ވަނީ އާންމުކޮށްފައެވެ. މި ދިރާސާގެ ނަތީޖާގައި ހައިރާން ކުރުވާ ކަންތައްތަކެއް ވާކަމަށް ރާއްޖޭގެ ސިއްހީދާއިރާގެ ފުންނާބު އުސް ބޭބޭފުޅުން ވިދާޅުވެއެވެ. މި ލިޔުމުގައި މި ބަލާލަނީ މި ދިރާސާއިން ފާހަގަ ކުރެވުމު ބައެއް މުހިއްމު ތަފާސް ހިސާބު ތަކަށެވެ.
ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހެދި އެ ދިރާސާއިން ދައްކާގޮތުގައި ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭގެ ޕުރެސަރު މައްޗެވެ. މީގެ އިތުރުން ދިވެހިންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. ދިވެހި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ އެންމެ ޒުވާން އުމުރަކީ ދިރާސާގައި ބުނި ގޮތުގައި އެންމެ އަށް އަހަރެވެ.
އަދި ދިވެހިންގެ ތެރެއިން ކޮންމެ 20 މީހަކުން އެކަކު ހަޔާތުގައި މަދުވެގެން އެއްފަހަރު ބަނގުރާ ބޯކަމަށް ދިރާސާގައި ބުންޏެވެ. މިއީ ސިއްހީގޮތުން ބެލިޔަސް އަދި ދީނީ، ގައުމީ ނަޒަރަކުން ބެލިކަމުގައި ވީނަމަވެސް، ބިރުވެރި ނުރައްކާތެރި ކަމެކެވެ.
ދިރާސާގައި ބުނި ގޮތުގައި ދިވެހިންގެ ތެރެއިން ކޮންމެ ދެމީހަކުން އެކަކު ދުވާލަކު މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތައް ބޭނުންކުރަނީ، ބޭނުންވާ މިންވަރަށްވުރެ މާ މަދުންނެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު، އެމީހެއްގެ ކެއުމުގައި އިތުރަށް ލޮނު އަޅަ އެވެ.
ދިރާސާގައި ފާހަގަކުރި ގޮތުގައި ދިވެހިންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ކޮލެސްޓްރޯލް މަތި މީހެކެވެ. އަދި 50 އިންސައްތަ ދިވެހިން ޑަބްލިއު.އެޗް.އޯއިން އިރުޝާދުދޭ މިންގަނޑާ އެއްވަރަށް ކަސްރަތު ނުކުރާއިރު، 50 އިންސައްތަ ދިވެހިންނަކީ ބަރުދަން މާ މަތި މީހުން ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.
ދިރާސާގައި އިތުރަށް ބުނީ ދިވެހިންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ފަލަ، ނުވަތަ އޮބޭސިޓީ ހުރި މީހުން ކަމަށެވެ. އަދި ކޮންމެ ހަތަރު ދިވެހިންގެ ތެރެއިން އެކަކީ ލޭމައްޗަށްދާ މީހުން ކަމަށާއި 14 އިންސައްތަ ދިވެހިންގެ ހަކުރު ގިނަ ކަމަށްވެސް އެ ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
އޭގެ އިތުރުން އުމުރުން 18 އަހަރާއި 44 އަހަރާ ދެމެދުގެ ކޮންމެ ތިން ދިވެހިންގެ ތެރެއިން އެކަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު މީހެއް ކަމަށް ދިރާސާއިން ދައްކަ އެވެ. އަދި އުމުރުން 45 އަހަރާއި 69 އަހަރާ ދެމެދުގެ 50 އިންސައްތަ ދިވެހިންގެ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ނުރައްކާވެސް ބޮޑުކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މިއީ މި ފަހަކުން ރާއްޖޭގައި ކުރެވުނު މިފަދަ ފުރިހަމަ އެއް ދިރާސާއެވެ. މި ދިރާސާއިން ހާމަވި މި ކަންކަމަކީ އެކަންކަމާއިމެދު އަހަރެމެން ވިސްނަން ޖެހޭނެ ކަންކަމެވެ. ގައިންގަޔަށް ނާރާ ބައްޔަކީ ބައްޔެއް ކަމުގައި ގިނަ މީހުނަށް އިހުސާސް ނުވަނީ މާސްކު އަޅާ ގައިދުރުކަން އިސްކުރަން ނުޖެހޭތީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތަކަކީވެސް ނުރައްކާތެރި ބިރުބޮޑު ބަލިތަކެކެވެ. ދިރިއުޅުމުގެ އާދަ އާއި ވައްޓަފާޅިއާއި ކެއިންބުއިމުގެ އުސޫލުތަކާއި ތަރުތީބު ހަމަކޮށް ގެންގުޅުމަކީ ދުޅަހެޔޮ ސިއްހަތަކަށް އަސާސީ ކަންކަމެވެ.
