ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އޮސަސޫނާ އަތުން 2-1 އިން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖެރާޑް ޕީކޭ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ 14 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އެތުލެޓިކް ބިލްބާއޯ އޮތީ 14 މެޗުން ހޯދީ 24 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑަށް 13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލިބިފައިވަނީ ހަތަރުވަނަ އެވެ.

އޮސަސޫނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޑޭވިޑް ގާސިއާ އެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި އޮސަސޫނާގެ ގާސިއާ އަށް ކުރި ފައުލަށް ރެފްރީ ވަނީ ބާސެލޯނާގެ ލެވަންޑޯސްކީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައިފައެވެ. މިއީ އޭނާގެ ކެރިއަރުގައި ރަތެއް ހޯދި ދެވަނަ ފަހަރެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕީކޭ އަށް ރަތް ކާޑު ދެއްކީ އެ ޓީމުގެ ލެވަންޑޯސްކީ އަށް ރަތް ކާޑު ދެއްކި މައްސަލައިގައި ރެފްރީގެ ނިންމުމާމެދު ސުވާލު އުފައްދާ އެކަމާ ގުޅިގެން އޭނާ ބުނި އެއްޗެއްގެ ސަބަބުންނެވެ. މިއީ ބާސެލޯނާ އަށް ޕީކޭ ކުޅެދިން ފަހު މެޗެވެ. މިދިޔަ ހުކުރު ދުވަހު ޕީކޭ ވަނީ އޮސަސޫނާ މެޗަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ބާސެލޯނާ އިން އެއްވަރުކުރީ ޕެޑްރީ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ މޮޅުކޮށްދިނީ ރަފީނިއާ އެވެ. ފްރެންކީ ޑި ޔޯން ނެގި ހުރަހަކުން ރަފީނިއާ މި ލަނޑުޖެހީ ބޮލުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބިލްބާއޯގެ ދަނޑުގައި 3-0 އިން ރެއާލް ވަޔަޑޮލިޑް ބަލިކުރިއިރު ޖިރޯނާ އިން ވަނީ ރަށުން ބޭރުގައި 2-1 އިން އެލްޗޭ އަތުން މޮޅުވެފައެވެ.