3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 އިން ނޫވިލާ ބަލިކޮށް ފެހިވިލާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ތ. އަތޮޅު ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްޢިއްޔާއިން ރަށުގެ 4 ވިލާއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ މި މަހުގެ 2 އިން 11 އަށެވެ.
މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.
ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 56 ވަނަ މިނެޓުގައި ފެހިވިލާ އަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ނަޝީދު އެވެ.
މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.
މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.
މުބާރާތުގެ ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ނިކުންނާނީ ފެހިވިލާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 3:50 ގައެވެ.
