ސިއްހީ ދުޅަހެޔޮކަމަށް ވިޓަމިން ޑީ ގެ ދައުރު ވަރަށް ވެސް ބޮޑެވެ. ކޮންމެ އިންސާނެއްގެ ވެސް ހަށިގަނޑަށް ވިޓަމިން ޑީ ބޭނުން ވާއިރު، ބައެއް މީހުންނަކީ އެހެން މީހުންނާއި ހިލާފަށް، ގިނައިން ވިޓަމިން ޑީ، ކެއުމުގައި ބޭނުން ކުރަން ޖެހޭ މީހުންނެވެ. ވިޓަމިން ޑީ އަކީ ކަށިތައް ވަރުގަދަކޮށް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު، ހުން އައުމާއި ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކޮށްދިނުމަށްވެސް ވިޓަމިން ޑީ މުހިންމު ދައުރެއް އަދާކުރެއެވެ.

ވިޓަމިން ޑީ ގެ ސަބަބުން ހަށިގަނޑުގެ ގިނަ ނިޒާމުތަކަށް އޭގެ ރާހަތު ލިބޭއިރު، އެ ދަށްވުމަކީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި އަދި ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތަަކަށް އިންސާނާ ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ނުވަތަ ބިސްރަވައިގާ ފެންކޮތަޅު އުފައްދާ ބަލި ހުންނަ މީހުންނަށްވެސް ވުޓަމިން ޑީ ވަނީ ވަރަށް މުހިންމު މާއްދާއަކަށެވެ.

ޕީ.ސީ.އޯ.އެސް ޖެހިފައިވާ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް %67 އާއި %85 އާއި ދެމެދުގެ އަދަދަކަށް އަންހެނުންގެ ވިޓަމިން ޑީ އެމީހުންގެ ހަށިގަނޑުގައި ހުންނަ މިންވަރު މަދުވާއިރު، އޭގެ މާނައަކީ އެމީހުންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ހަމަ ކުރުމަށްޓަކައި ކެއުމުގައި ގިނައިން ވިޓަމިން ޑީ ހުންނަ ކެއުންތައް ގިނަކުރަން ޖެހޭނޭ ކަމެވެ.

މި ލިޔުމުގައި ވިޓަމިން ޑީ ގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކާއި، މޫޑް ނުވަތަ މިޒާޖު ސަކަރާތްވުމާއި އަދި ޕީ.ސީ.އޯ.އެސް އާއި ގުޅުންހުރި ދިގުމުއްދަތުގެ ބަލިތަކުގައި އެހީތެރިވެދޭނެ ސަބަބުތަކަށް ބަލައިލާނަމެވެ.

ގިނަ ފަހަރަށް ޕީ.ސީ.އޯ.އެސް ގެ ސަބަބުން ގަވާއިދުން މައްސަރު ކަންކަން ދިމައިނުވުމުން ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ނުވަތަ ދަރިމައިވުމަށް އުނދަގޫވެއެވެ. ގަވާއިދުން މައްސަރުކަންތައް ޖެހުމަކީ ނުވަތަ ދިމައިވުމަކީ ބަލިވެ އިނުމަށް ބޭނުންވާ މުހިއްމު ކަމެކެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ޑީ އަކީ އަންހެނާގެ ހަށިގަނޑިގައި ބިސް އުފެދުމުގައި ދައުރެއް އަދާކުރާ އެއްޗެކެވެ. ބިސް އުފެދުމަކީ ބަލިވެ އިނުމަށް ވަރަށް މުހިންމު ކަމެކެވެ.

ދަރިމައިވުމުގެ އުނދަގޫތަކަަށް ފަރުވާ ކުރުމާއި އެކު، މާބަނޑު ވުމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ވިޓަމިން ޑީ އެހީތެރިވެދެއެވެ. މައްސަރުކަންކަން ތަރުތީބު ކުރުމަށް، ހޯމޯނަލް ތެރަޕީއެއް ފެށުމުގެ ކުރިން ކެއުމުގައި ވިޓަމިން ޑީ ގެ މިންވަރު ގިނަ ކޮށްލައިގެން އެކަމުގެ އަޖުމަ ބަލައިލުން ވަރަށްވެސް މުހިންމެވެ. އިސްވެ ބުނެވުނު ފަދައިން ބިސް އުފައްދައިދިނުމަށް (ބިސް ފުރާފުރިހަމަވެ ފައްކާވަމަށް) ވިޓަމިން ޑީ އަދާކުރަނީ މުހިންމު ދައުރެކެވެ.

ވިޓަމިން ޑީ އިން އިންސިއުލިން ރެސިސްޓެންސް ވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ޕީ.ސީ.އޯ.އެސް ހުންނަ މީހުންނަކީ އިންސުލިން ރެސިސްޓެންޓް ޑައިބެޓިކްސް ޖެހުމުގެ ފުރުސަތު ބޮޑު ބައެކެވެ. އެހެން ކަމުން ޕީ.ސީ.އޯ.އެސް ހުންނަ މީހުންގެ ކެއުމުގައި ވިޓަމިން ޑީ ގެ މިންވަރު އިތުރު ކުރުމަކީ ހަކުރުބަލި ޖެހުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ވިޓަމިން ޑީ އަދި ކެލްސިއަމް ސަޕްލިމެންޓް އަކީ ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންގެ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންނަކީ މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ބައެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންގެ %50 މީހުންނަށް ހާސްކަމާ އެންޒައިޓީ ކުރިމަތިވާއިރު %27 މީހުންނަކީ ޑިޕްރެޝަންގައި އުޅޭ މީހުންނެވެ. ވިޓަމިން ޑީ މަދުވާ މީހުންނަށް ޑިޕްރެޝަންގެ އުނދަގޫ ފޯރުމުގެ ފުރުސަތު ބޮޑުވާކަމަށް ދިރާސާވެރިން ވިދާޅުވެއެވެ. އެހެންކަމުން ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންގެ މޫޑު ރަނގަޅުކޮށް ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށް ނުވަތަ ކުޑަކުރުމަށް ވިޓަމިން ޑީ ގެ މިންވަރު އިތުރުކުރަން ޖެހެއެވެ. ބައެއް ހާލަތްތަކުގައި ޑަކްޓަރުގެ ލަފާގެ މަތިން ވިޓަމިން ޑީ ސަޕްލިމެންޓެއް ބޭނުން ކުރުމަކީވެސް ގޯސްކަމެއް ނޫނެވެ.

ވިޓަމިން ޑީ ގިނަ އަދަދަކަށް އެކުލެވޭ ތަކެތީގެ ތެރޭގައި ކުދި ރެއްސާއި، ވެހިމަހުގެ ގޮތުގައި ބަލާ ކުންބަޅަ އަދި ތާވަޅަ ފަދަ މަސްމަސް ހިމެނެއެވެ. ލައްޓި ރާގޮނޑި އާއި މަޝްރޫމާއި އެކި ކަހަލަ ކިރާއި އޮރެންޖު ޖުހާއި ކުކުޅުބިހު ގޮބޮޅި އަކީ ވިޓަމިން ޑީ ގިނަ ކާނާތަކެވެ. މީގެ އިތުރުން ކޮޑެލިވަރު (ކޮޑް-ލިވާރ-އޮއިލް) ގުޅަ އަކީވެސް ވިޓަމިން ޑީ ގިނަ އަދަދަކަށް އެކުލެވޭ ގުޅައެކެވެ.

ޕީ.ސީ.އޯ.އެސް ގެ އެކި އެކި އުނދަގޫހުންނަ ފަރާތްތަކުން ހޯމޯނަލް ތެރަޕީއެއް ފެށުމުގެ ކުރިން ވިޓަމިން ޑީ ގެ އަޖުމަ ބަލާލުން މުހިންމެވެ. ސީދާ ބޭހެެއް ކެއުމުގެ ބަދަލުގައި މިފަދަ ހެޔޮ ގޮތެއް އިހްތިޔާރު ކުރުން ބުއްދިވެރިއެވެ. މާތް ﷲ ގެ ވާގިފުޅާއި އެކު އެފަދަ އުނދަގޫތަކަށް ލުއިކަމެއް ލިބިގެން ހިނގައިދާނެއެވެ.