80ގެ އަދި 90ގެ އަހަރުތަކުގެ ބޮލީވުޑް ފިލްމުތަކަކީ އަދިވެސް އެތައް ބައެއްގެ މެދުގައި ވަރަށް މަޤްބޫލް ފިލްމުތަކެކެވެ. މިހާރު ވެސް އެތައް ބައެއް ބަލަމުންދާ ފިލްމުތަކެކެވެ. އަދި ހަމައެހެންމެ އޭރުގެ ތަރިންނަކީ 'މުޅިން އެހެން ލެވެލްއެއް' ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެހެނީ މިހާރުގެ ތަރިންނާ އަޅާބަލާއިރު އޭރުގެ މީހުން އަދިވެސް ފެންވަރު މާ ރަނގަޅު ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. 

މިފަދަ މަޝްހޫރު ތަރިންތަކެއް އެއް ފިލްމަކުން ފެނިގެންދަނީ ވަރަށް މަދުންނެވެ. ނަމަވެސް އޭރުގެ މަޝްހޫރު ހަތަރު ފިލްމީ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ސަނީ ޑިއޯލް އަދި މިތުން ޗަކްރަބޯތީގެ އިތުރުން ޖެކީ ޝްރޮފާއެކު ފިލްމެއްގެ މަސައްކަތް ފަށައިފި ކަމަށް 'ޒީސްޓޫޑިއޯސް' އިޢުލާންކޮށްފިއެވެ. އިންސްޓަގްރާމުގައި މި ހަތަރު ތަރިންގެ ފޮޓޯއަކާއެކު 'ޒީސްޓޫޑިއޯސް'އިން ވަނީ މިކަން ފޭނުންނަށް ޙިއްޞާކޮށްފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Zee Studios (@zeestudiosofficial)

ނަން ކަށަވަރުކޮށްދީފައިނުވާ މިފިލްމަކީ އެކްޝަން/އެންޓަރޓައިނަރއެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ފިލްމުގެ މައިގަނޑު ހަތަރު ރޯލުން މި ހަތަރު ތަރިން ފެނިގެންދާއިރު މިތަރިންނަށް ފިލްމުގައި ކިޔާނެ ނަމާއެކު ޕޯސްޓަރުތަކެއް ވެސް ވަނީ ދައްކާލައިފައެވެ. 

މި ފިލްމުގެ ޑައިރެކްޓަރަކީ ވިވޭކް ޗޯހާންއެވެ. އަދި މިއީ ވިވޭކްގެ ފުރަތަމަ ޑައިރެކްޝަން ކަން ވެސް ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވިވޭކް ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ތާނޫ ވެޑްސް މާނޫ ރިޓާންސް" ހިމެނެއެވެ. 'ޒީސްޓޫޑިއޯސް'ގެ ޕްރޮޑަކްޝަންގެ ދަށުން އަޙްމަދު ޚާނާއި ޝައިރާ އަޙްމަދު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭން ހަމަޖެހިފައިވާ މިފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 

ސަންޖޭއާއި މިތުން އަދި ސަނީގެ އިތުރުން ޖެކީ މީގެ ކުރިން އެއް ފިލްމަކުން ފެނިފައެއް ނުވެއެވެ. ނަމަވެސް ސަންޖޭއާއި ޖެކީ ވަނީ މީގެ ކުރިން ވެސް އެކުގައި ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ސުބާޝް ގާއީގެ "ޚާލްނަޔަކް"ގައެވެ. މިފިލްމުގެ އަންހެން ލީޑު ކުޅުނީ މަދޫރީކަން ވެސް ފާހަގަކޮށްލަމެވެ. އަދި ހަމަމިއާއެކު ޖެކީ ވަނީ ސަނީއާއެކު މީގެ ކުރިން "ބޯޑަރ"، "ތުރީދޭވް" އަދި "ދުޝްމަނީ"ގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި ސަންޖޭއާއި މިތުން ވެސް ފިލްމު "ލަކް"ގައި ފެނިފައިވާއިރު ސަންޖޭއާއި ސަނީ ވެސް ވަނީ "ޔޯދާ"އާއި "ކްރޯދް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ. 

ނަމަވެސް މިފަހަރު މިއީ މި ހަތަރު ތަރިން އެއް ފިލްމަކުން ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރު ކަމުން މި ތަރިންގެ ފޭނުންނަށް މިއީ ވަރަށް ވެސް އުފާވެރި ޚަބަރަކަށްވާނެ ކަން ޔަޤީނެވެ.