ގަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް އިން ނެގި ސްކޮޑު މިރޭ އިއުލާންކުރިއިރު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑުގައި ހިމަނައިފިއެވެ.
މިއީ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅޭ ފަސްވަނަ ފަހަރެވެ. މީގެކުރީން، ފަސް ވޯލްޑް ކަޕްގައި ކުޅެފައިވަނީ ޖަރުމަނުގެ ލޮތާ މަތެއަސް، މެކްސިކޯގެ ރަފައެލް މާކޭޒް އާއި ރަފައެލް ކަރްބަޔާލް އެވެ. މީގެއިތުރުން، މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ގޯލެއް ކާމިޔާބުކޮށްފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީޚުގައި ފަސް މުބާރާތެއްގައި ލަނޑުޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް ނިކުންނައިރު ރޮނާލްޑޯ ހުރީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. އޭނާގެ ކުރީގެ ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރިއައިސް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ގިނަ މެޗުތަކުން އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ވެސް ނުލިބެއެވެ.
ރޮނާލްޑޯ، 37، އެންމެ ފުރަތަމަ ފެނިގެންދިޔައީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕުންނެވެ. އެ މުބާރާތުގެ ސެމީގައި ބަލިވިއިރު، ތިންވަނަ ހޮވާ މެޗުގައި ޖަރުމަން އަތުން ވެސް މޮޅުނުވެވުނެވެ. އޭގެފަހުން، 2010 އާއި 2014 އަދި 2018 ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުޅުނެވެ.
ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ފުރަތަމަ ފެނިގެންދިޔަ ބޮޑު މުބާރާތަކީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ ފަހަރު ބަލިވީ ފައިނަލްގައި ގްރީސް އަތުންނެވެ. މިހާތަނަށްއައިއިރު އޭނާގެ ކެރިއަރުގައި ޕޯޗުގަލް އާއެކު ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމެވެ. އަދި އެއަށްފަހު 2019 ވަނަ އަހަރު މުޅިން އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ ތަށި ވެސް އުފުލާލިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ނުހިމެނުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭސް އެވެ. އޭނާ އަކީ ނޭޝަންސް ލީގުގެ ތަށި އުފުލާލި ޕޯޗުގަލް ޓީމާއި، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގެ މެންބަރެކެވެ. އަދި އޭނާ އަކީ ޔޫރޯ 2016 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ.
އެކަމަކު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މިވަގުތު ހުރި ޕޯޓޯގެ ޑިފެންޑަރު ޕެޕޭ ވަނީ ޕޯޗުގަލްގެ ސްކޮޑުގައި ހިމަނާފައެވެ. ނަމަވެސް، ލިވަޕޫލަށް ކުޅެމުން އަންނަ ޑިއޯގޯ ޔޮޓާ އާއި ލެސްޓާ ސިޓީގެ ފުލްބެކް ރިކާޑޯ ޕެރޭރާ އަށް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅެވޭ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނުނީ؛ އުރުގުއޭ އާއި ގާނާ އަދި ދެކުނު ކޮރެއާ އާއެކު ގްރޫޕް އެޗްގައެވެ. އެ މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ގާނާއާ ދެކޮޅަށެވެ.
ޕޯޗުގަލްގެ 26 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: ޑިއޯގޯ ކޮސްޓާ (ޕޯޓޯ)، ހޯސޭ ސާ (ވުލްވްސް)، ރުއީ ޕެޓްރީޝިއޯ (އޭއެސް ރޯމާ)؛
ޑިފެންޑަރުން: ޑިއޯގޯ ޑަލޮޓް (މެންޗެސްޓާ ޔުނައިޓެޑް)، ޔާއޯ ކަންސޭލޯ އާއި ރުބެން ޑީއާސް (މެންޗެސްޓާ ސިޓީ)، ޑަނީލޯ ޕެރޭރާ އާއި ނޫނޯ މެންޑެސް (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ރަފައެލް ގުރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)، އެންޓޯނިއޯ ސިލްވާ (ބެންފީކާ)؛
މިޑްފީލްޑަރުން: ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް)، ޔާއޯ ޕަލީނިއާ (ފުލަމް)، ރުބެން ނެވޭސް އާއި މަތެއުސް ނޫނޭސް (ވުލްވްސް)، ޔާއޯ މާރިއޯ (ބެންފީކާ)، އޮޓާވިއޯ (ޕޯޓޯ)، ވިޓީނިއާ (ޕީއެސްޖީ)، ވިލިއަމް ކަވާލިއޯ (ރެއާލް ބެޓިސް)؛
ފޯވާޑުން: އަންދްރޭ ސިލްވާ (އާރްބީ ލިޕްޒިގު)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، ގޮންކާލޯ ރާމޮސް (ބެންފީކާ)، ޔާއޯ ފެލިކްސް (އެތުލެޓިކޯ މެޑްރިޑް)، ރަފެއަލް ލެއާއޯ (އޭސީ މިލާން)، ރިކާޑޯ ހޯރްޓާ (ބްރާގާ).
