އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި ބްރެންޓްފޯޑްގެ އިވާން ޓޯނޭ ވައްދާލި ދެ ލަނޑާއެކު މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް، އިންގްލެންޑްގެ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުން ޖާގަ ނުދިނުމުން އެއަށް ރަނގަޅު ރައްދެއް ދީފިއެވެ.
މި ނަތީޖާއާއެކު ސިޓީން ވަނީ ތާވަލްގެ އެއްވަނަ އަށް އަރަން ލިބުނު ފުރުޞަތު ވަނީ ނަގާލައިފައެވެ. އެންމެ ކުރީގައި އުޅޭ އާސެނަލަށް ކުޅުނު 13 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. ދެވަނައިގައި ސިޓީ އޮތީ ކުޅުނު 14 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެވެ. ނިއުކާސަލް ޔުނައިޓެޑަށް 24 މެޗުން ލިބުނު 27 ޕޮއިންޓާއެކު ލިބުނީ ތިންވަނަ އެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 14 މެޗުން 26 ޕޮއިންޓެވެ.
މީގެ ދެ ދުވަހެއްހާ ކުރީން އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ވަނީ ވޯލްޑް ކަޕަށް ދާ އެ ގައުމުގެ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފައެވެ. އެ ޓީމުން ޓޯނޭ އަށް ޖާގަ ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މި މެޗަށްފަހު އެ މައްސަލަ އިންތިހާއަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑުން އެކުލަވާލި ސްކޮޑުގައި ހިމެނޭ ފޯވާޑުންނަކީ؛ ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އާއި މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ނިއުކާސަލް ޔުނައިޓެޑްގެ ކެލުމް ވިލްސަން އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް ބްރެންޓްފޯޑުންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އިވާން ޓޯނޭ އެވެ. އޭގެކުރީން، ސިޓީ އަށް ލީޑްނަގައިދޭން އިލްކާއި ގުންޑޮގާން އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުނެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސިޓީގެ ފިލް ފޯޑެން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް އަށް ވެސް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ބްރެންޓްފޯޑް މޮޅުވި ލަނޑު، މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދިހަ މިނެޓުގެ ތެރެއިން 8 ވަނަ މިނެޓުގައި އަވަސް ކައުންޓާއެއްގައި ކާމިޔާބުކޮށްދިނީ ވެސް ޓޯނޭ އެވެ. މިއީ އެ ޓީމުގެ ޖޯޝް ޑަސިލްވާ ޖައްސާލި ޕާހަކުން ހުހަށްހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޓޯނޭ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ސިކުންތުތަކެއް ފަހުން ޓޯނޭ އަށް ހެޓްރިކް ފުރިހަމަކުރަން ލިބުނު ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. ޑަ ސިލްވާ ދިން ޕާހަކުން ޓޯނޭ ފޮނުވާލި އެ ބޯޅަ ސިޓީގެ ޑި ބްރޭނާ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
މިއީ ގަތަރުގައި މި މަހު ފަށާ ވޯލްޑް ކަޕަށް އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް އެކުލަވާލި ސްކޮޑުން ބާކީކުރި ފަހުން ބްރެންޓްފޯޑަށް ޓޯނޭ ކުޅެދިން ފުރަތަމަ މެޗެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓޯނޭ، 26، ވަނީ މިދިޔަ އަހަރުގެ ސީޒަން ފެށުނު ފަހުން ލީގުގައި 22 ލަނޑުޖަހައިފައެވެ. މި މުއްދަތުގައި އޭނާ އަށް ވުރެ ގިނައިން ލަނޑުޖަހާފައިވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހު (29)، ޓޮޓެންހަމްގެ ހެރީ ކޭން (28) އާއި ސޮން ހެއުން-މިން (26) އެވެ.
