އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މާޓިން އޮޑެގާޑް ވައްދާލި ދެ ލަނޑާއެކު ވުލްސް އަތުން 2-0 އިން ހޯދީ މޮޅާއެކު އާސެނަލުން ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ލީގު މެދުކަނޑާލާއިރު، އާސެނަލް ލީގުގެ އެއްވަނައިގައި އޮތީ 14 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 15 މެޗުން 30 ޕޮއިންޓެވެ. ޓޮޓެންހަމް ހޮޓްސްޕާ އޮތީ 15 މެޗުން ލިބުނު 29 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ލީގުގެ ފުލުގައި އޮތް ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އާސެނަލްގެ މިޑްފީލްޑްގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ސްވިޒަލެންޑްގެ ގްރޭނިޓް ޒާކާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތް ފަބިއޯ ވިއޭރާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު، އެ ޓީމުގެ ކެޕްޓަން އޮޑެގާޑް ޖެހީ ވިއޭރާ ދިން ޕާހަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ބޯޅައެއް ވުލްވްސްގެ ގޯލްކީޕަރު ހޯސޭ ސާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޮޑެގާޑް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި ހަވަނަ ގޯލެވެ.

ސައުތެމްޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ލީގުގައި ރޭ ނިއުކާސަލްގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ޗެލްސީ ބަލިކޮށް ތާވަލްގެ ތިންވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 67 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯ ވިލޮކް އެވެ. މިިއީ އެ ޓީމުގެ ޕެރަގުއޭ ވިންގާ މިގުއެލް އަލްމިރޯން ދިން ޕާހަކުން ވިލޮކް ކާމިޔާބުކުރި ގޯލެކެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗުން ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން 6 ވަނަ މިނެޓުގައި އެންޑްރޫ ރޮބަޓްސަން ދިން ބޯޅައަކުން ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް ލީޑްނަގައިދީފައެވެ. އެކަމަކު، އޭގެ ތިން މިނެޓުފަހުން ސައުތެމްޓަންގެ ޗެ އެޑަމްސް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.

ލިވަޕޫލުން އަލުން ލީޑްނެގީ 21 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ނޫނޭޒް ވަނީ އިތުރު ގޯލެއްޖަހައި ލިވަޕޫލްގެ ލީޑް ފުޅާކޮށްދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ރޮބަޓްސަން އެވެ.

ޗެލްސީއާ ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު

ލީގުގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުން މޮޅުވީ 4-3 އިންނެވެ. މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ލީޑްސް އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސެންސިއޯ ސަމާވިލް އެވެ. އޭގެ 15 މިނެޓުފަހުން، ޓޮޓެންހަމަށް އެއްވަރުކޮށްދިނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ރޮޑްރީގޯ ވަނީ ލީޑްސް އަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. އެކަމަކު، ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ބެން ޑޭވީސް ވަނީ އެ ޓީމަށް އަލުން އެއްވަރުކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި ރޮޑްރިގޯ ވަނީ އިތުރު ގޯލެއްޖަހައި ލީޑްސް އަށް އަނެއްކާވެސް ލީޑްނަގައިދީގައެވެ. އެކަމަކު، މެޗުގެ ފަހު ނުވަ މިނެޓުގެ ތެރޭގައި އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރް ކާމިޔާބުކުރި ދެ ލަނޑާއެކު ޓޮޓެންހަމުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި 3-0 އިން އެވަޓަން އަތުން ބޯންމައުތު ވަނީ މޮޅުވެފައެވެ. ރަނގަޅު ފޯމެއްގައި އޮތް ކްރިސްޓަލް ޕެލަސް އިން ރަށުން ބޭރުގައި 1-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވިއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ އަތުން ބަލިވެފައެވެ.