އިއްސަކީ ދިވެހި ރާއްޖޭގެ ކަނޑުތަކުގައިވެސް ހިސާބަކަށް އުޅޭ އެއްޗެކެވެ. މިއީ ކެއުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ބޮޑު އަގުގައި މީގެ ކެއުންތައް ވިއްކަންވެސް ހުރެއެވެ. އަނގައަށްވެސް އަމުދަކުން ނުބައެއް ނޫނެވެ.

މި އިހިމަހުގައި އަހަރެމެންގެ ސިއްހަތަށް ފައިދާ ކުރާ އެއްވެސް މާއްދާއެއް ހުރޭ ހެއްޔެވެ. އާދޭހެވެ! އިހި މަހަކީ އަހަރެމެންގެ ސިއްހަތަށްވެސް ފައިދާތަކެއް ކުރުވާ އެއްޗެކެވެ. މި މަހުގެ އަގު ބޮޑު ވެފާ މީރުވީނަމަވެސް މެއެވެ.

އިހި މަހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. އެއާއި އެކު އެމިނޯ އެސިޑްވެސް ހިމެނެއެވެ. މި ދެ މާއްދާ އެކުވުމުން އުފެދޭ ޕްރޮޓީން އަކީ އޭގެ ރާހަތު އިތުރު ޕްރޮޓީން އެކެވެ. އިންސާނާ ހެދި ބޮޑުވުމަށާއި ކަށިތަކުގެ ދުޅަހެޔޮ ކަމަށާއި ހަޖަމުގެ ނިޒާމުގައި ހިނގާ މެޓަބޮލިޒަމް އޭ ކިޔާ މަރުހަލާއަށާއި ހަށިގަނޑުގައި އުފައްދާ އެކިކަހަލަ ހޯމޯންތައް ތަރުތީބު ކުރުމަށް ޕްރޮޓީން އެހީތެރިވެދެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އޮމެގާ-03 އާއި ވިޓަމިން ބީ-12 އަކީވެސް އިހި މަހުން ލިބިދޭ މާއްދާތަކެކެވެ. ސިކުނޑީގެ ހިއްސީ ނާރުތަކުގެ މުއާމަލާތްތައް ހަލުއި ކޮށްދިނުމަށް މި މާއްދާތައް އެހީތެރިވެެދެއެވެ. އަދި އޮމެގާ-03 އަކީ ހިތުގެ ބައެއް ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށްވެސް އެހީތެރިވެދޭ މާއްދާއެކެވެ. ވިޓަމިން ބީ-12 ހަށިގަނޑުގައި މަދު ވުމަކީ އަލްޒައިމާސް، ޑިމެންޝިއާ އަދި ޕާކިންސަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެދާ ކަމަށް ވީ ހިނދު، އިހި މަހުގައި ވިޓަމިން ބީ-12 މާއްދާ ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.

އިހި މަހުގައި ހުންނަ ސެލެނިއަމް ނަމަކަށް ކިޔާ މާއްދާ އަކީވެސް ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ. އެ މާއްދާ އޮމެގާ-03 އާއި އެކުވުމުން އޭގައި ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަމެއް އުފެދޭކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ސެލެނިއަމް އަކީ ތައިރޮއިޑުގެ އުނދަގޫ ހުންނަ މީހުންނަަސްވެސް ލުއިތަކެއް ގެނެސްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

އިހި މަހަކީ ފައިދާހުރި އެއްޗެއްނަމަވެސް ބައެއް މީހުންނަކީ އިހި މަހަށް އެލާޖިކުވާ މީހުންނެވެ. އެމީހުން އިހި މަސް ކެއުމުން އެމީހުންގެ ހަށިގަނޑުގައި "އެނަފައިލެކްޓިކް" ހަރަކާތްތަކެއް ހިނގަން ފަށައެވެ. މިހެން ދިމާވަނީ އިސްވެ ދެންނެވުނު ސެލެނިއަމް މާއްދާ، އެ މީހެއްގެ ހަށިގަނޑާ ނުގުޅޭތީ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އިހި މަހަށް އެލާޖިކުވާ މީހަކު، އިސްވެ ދެންނެވުނު ފައިދާތައް ހޯދަން ނަމަވެސް އިހި މަސް ނުކާށެވެ.

ކާނާއެއްގެ ގޮތުގައި އިހިމަސް ބޭނުން ކުރެވެންފެށީ ސީދާ ކޮން ޒަމާނެއްގައިކަން ސާފުކޮށް ތާރީހުން އެނގެން ނެތްކަމުގައި ވީނަމަވެސް، އަންޒަމާނު ކަރަ އާއި ނައްކަވާރުގެ އަހުލުވެރިންނަކީ އިހި މަހުގެ ރަހަ ދުނިޔެއަށް ދެއްކުމުގައި މަޝްހޫރު ބައެއްކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ.