މިފަހަރުގެ ޓުވެންޓީ20 ވޯލްޑް ކަޕްގެ ފައިނަލްގައި ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށް އިންގްލެންޑުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އިންގްލެންޑުން އެ މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ތަށި އުފުލާލީ 2010 ވަނަ އަހަރު އެވެ. މިއާއެކު، އިންގްލެންޑް ވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ވެސްޓް އިންޑީޒްގެ ރެކޯޑާ އެއްވަރުކޮށްފައެވެ.
މެޗުން ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޝާން މައްސޫދު ވަނީ 28 ބޯޅައިން 38 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން ބާބަރް އާޒަމް 32 ލަނޑުހެދިއިރު، 14 ބޯޅައިން 20 ލަނޑުހެދި ޝަދަބް ޚާންގެ ކުޅުން ވެސް ފާހަގަކޮށްލެވުނެވެ.
މި އިނިންގްސްގައި ޕާކިސްތާންގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި އިސް ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި އިންގްލެންޑްގެ ސޭމް ކުރަން އެވެ. އޭނާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 12 ލަނޑަށް ތިން ވިކެޓް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި އާދިލް ރާޝިދު އާއި ކްރިސް ޖޯޑަން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ޖަވާބުގައި އިންގްލެންޑުން ކުޅެންއަރައި 19 އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކުރީ، ބާކީ ހަ ބޯޅަ އޮއްވާ ފަސް ވިކެޓަށް 138 ލަނޑުހަދައިގެންނެވެ. އެ ޓީމަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ބައިސައްތަ ހެދި އޯލްރައުންޑަރު ބެން ސްޓޯކްސް އެވެ. އޭނާ ވަނީ ނުބައިނުވެ 49 ބޯޅައިން 52 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑުހެދި މޮއީން އަލީ އެވެ.
ޕާކިސްތާނަށް މި އިނިންގްސްގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ އިތުބާރު އުކުންތެރިޔާ ޝާހީން ޝާހު އަފްރީދީ އަށް އަނިޔާވުމުންނެވެ. އޭނާ ވަނީ 2.1 އޯވަރުގެ ތެރޭގައި 13 ލަނޑަށް ވިކެޓެއް ނަގައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 23 ލަނޑަށް ދެ ވިކެޓްނެގި ހާރިސް ރައުފް އެވެ.
