ލޭއަޅާ ކުއްޖަކަށް ވުމީ އެކަމުގައި ތަކުލީފު ބޮޑު ކަމެކެވެ. ވޭނާއި ހިތްދަތިކަން އިންތިހާއަށް ލިބިދާ ކަމެކެވެ. އެކަމުގައި އަމުދުން، ލޭ ނުލިބި ނުވަތަ ލޭ ހޯދަން އުނދަގޫވާ ކޮންމެ ފަހަރެއްގައި އެ ކުދިންގެ ބެލެނިވެރިން ނުވަތަ އެ ކުދީން ނުވަތަ އެ މީހުން އެ ކުރާ ހިތްދަތި އިހުސާސް ތަކަކީ އެކަން ބަރުދާސްތު ނުކުރާ މީހަކަށް ހަމަ އެއްގޮތަކަށްވެސް އެނގޭނޭ ނުވަތަ އިހުސާސް ކުރެވޭނޭ ހިތްދަތި ކަމެއް ނޫނެވެ. 

ލޭ ހޯދުމާ ލޭ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަަސް ކޭމްބްރިޖް ޔުނިވާސިޓީ އާއި އެމެރިކާގެ ނެޝަނަލް ހެލްތް ސާވިސް ގުޅިގެން ވަނީ ބޮޑު މަސައްކަތްތަކެއް ކޮށްފައެވެ. 2009 ވަނަ އަހަރު ރަސްމީ ސިފައެއްގައި މަޑު ދުވެލީގައި ނަމަވެސް ފެށި މި މަސައްކަތުގެ ކްލިނިކަލް ހަތުލީލީ މަރުހަލާތައް މިހާރު ކުރިއަށް އެބަ ގެންދެއެވެ. މިއީ ލެބޯޓަރީ ތަކުގައި އުފައްދާ ލޭ ތަކެކެވެ. އިންސާނުންގެ ހަށިގަނޑުން ލޭ ހޯދުމަށް ނުވަތަ ޑޯނާއެއް ލިބުމުގައި ހުންނަ އުނދަގޫތަކަށް މި ލޭތަކުން ހައްލު ލިބޭނެއެވެ. ބޭނުންވާ މިންވަރަކަށް ބޭނުންވާ އިރަކު، ލެބޯޓަރީ ތަކުގައި އެ ލޭތައް ތައްޔާރީ ހާލަތުގައި ހުންނާނެއެވެ.

ލެއަކީ ކޮބާ ހެއްޔެވެ؟ ލޭގައި މައިގަނޑުކޮށް ހުންނަނީ ޕްލާސްމާ ނަކަށް ކިޔާ ފެނަކާއި އެކު މައިގަނޑު ތިން ހަތާއެވެ. އެއީ ރަތުލޭހަތާ އާއި ހުދުލޭހަތާ އާއި އަދި ޕްލޭޓްލެޓް އެވެ. ރަތުލޭހަތާ އަކީ އިންސާނާގެ ބޯންމެރޯ އިން އުފައްދާ ހަތާތަކެކެވެ. މި ހަތާކުގައި ހުންނަ ރަތަނި ތަކުން ހަށިގަނޑުގައި އޮކްސިޖަން އުފުލާ ދައުރުކޮށްދީ ހަދައެވެ. ލޭ އަޅާ ކުދިންގެ ހަށިގަނޑުން ރަތުލޭހަތާތައް މަދުވުމުން ހަށިގަނޑުގައި އޮކްސިޖަން އުފުލާ ދައުރުކޮށްދޭ މިންވަރު މަދުވެއެއެވެ. އެއާއި އެކު އެ ކުދިންނަށް ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އެސަބަބަށްޓަކައި އެކުދިންނަށް އެކުދިންގެ ހާލަތާއި ގުޅުވައިގެން ލޭ އަޅާ މިންވަރު ކަނޑަ އެޅެއެވެ.

ލެބޯޓަރީގައި އުފެއްލި މި ލޭތައް އުފައްދާފައި ވަނީ ދުޅަހެޔޮ އިންސާނުންގެ ބޯންމެރޯއިން ހަތާ ނަގައިގެން، އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ދިޔަވަރެއްގެ ތެރޭގައި ބަހައްޓައިގެންނެވެ. އެ ދިޔަވަރުގެ ތެރޭގައި އެ ހަތާތައް ރަތުލޭގެ ގިނަ ހަތާތަކަށް ބަދަލުވަމުން، އުފެދެމުން ގޮސް، އެ ދިޔަވަރު އެކީ އެކަށް ލެޔަށް ބަދަލުވެއެވެ. މިގޮތަށް ތައްޔާރުކޮށްފައި ހުރި މި ލޭތަކުގެ ހަތުލީލީ މަރުހަލާތަކެއް މިހާރު ކުރިއަށް އެބަ ދެއެވެ. ކްރޮސްމެޗުން ދިމައިވުމާއި އިންސާނުންގެ ހަށިގަނޑާ މި ލޭތައް ހުރަހެއް ނެތި ގުޅޭނެތޯ އާއި އިންސާނުންގެ ހަށިގަނޑުން މި ލޭތައް "ޝަކުވާއެއްނެތި" ބަލައިގަނޭތޯ އާއި މިއީ މި ތަހުލީލީ މަރުހަލާގައި މިހާރު ކުރިއަށްދާ ކަންކަމެވެ.

މި މަސައްކަތުގައި އިސްކޮށް އުޅޭ ޑރ. ސެޑްރިކް ވިދާޅުވާ ގޮތުގައި މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ މިއީ އިންސާނިއްޔަކަށް ލިބޭ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ލޭ ނުލިބިގެން އެތައް ބަޔަކު މަރުވާ ކަމަށާއި މި މަސައްކަތަކީ އެފަދަ ހާލަތްތަކުގައި ތިބި މީހުންނަށް ފައިދާ ކުރާނޭ މަސައްކަތެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލޭއަޅާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް މިއީ އުންމީދީ ވާހަކައެެކެވެ. މި މަސައްކަތް ކާމިޔާބުވެ ދުނިޔޭގެ އެކި ހިސާބުތަކަށް މި ހިދުމަތް ލިބިގެން ދިއުމަކީ ބައެއް ހާލަތްތަކުގައި އުފުލަންޖެހޭ ތަކުލީފު ލުއިވެގެންދާނޭ ކަމެކެވެ. މި މަސައްކަތުގައި ލޭގެ ހުރިހާ ގުރޫޕެއްވެސް އުފައްދާފައިވާކަމަށް ޑރ. ސެޑްރިކް ވަނީ ފާހަގަ ކުރައްވާފައެވެ.