އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާ ކޮށްފި އެވެ.
މިކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އެވެ. އަދި، ހަދިޔާކުރެއްވި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އެވެ. 

އުރީދޫން ހަދިޔާކުރި މި ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދެއްވުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރެއްވި ޓީވީތަކެކެވެ.

އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރ އޮފް ޑިފެންސް ވަނީ، ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކުރައްވާފައެވެ. މިގޮތުން، އެކަމަނާ އެދިލެއްވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވި ކުންފުންޏަކީ އުރީދޫ މޯލްޑިވްސް އެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް 5 ޓީވީ މިއަދު ހަދިޔާ ކުރައްވާފަ އެވެ. 

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވަނީ އުރީދޫ މޯލްޑިވްސްއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހައްދަވައިދެއްވުމުގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި،  ޑިފެންސް މިނިސްޓަރ ވަނީ، އޫރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ހަރ ހައިނަސް ފަތިމާ  ސުލްތާން އަލް ޚަވައިރީއަށާއި  އޫރިދޫގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި  މަސައްކަތްކުރައްވާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ.