ޅ. ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި 20 ގެއަކަށް ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެރަށަށް ރޭ ފަތިހުން ފެށިގެން ވާރޭ ވެހެމުންދާ ކަމަށާއި އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައިވާ ކަމަށެވެ.

އެ ރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ އިރު، ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި، 20 ގެއަކަށް މިއަދު ގެއްލުންވެފައިވާ އިރު، އިއްޔެވެސް ވަނީ އެރަށަށާއި ނައިފަރަށް ބޯކޮށް ވާރޭ ވެހި، ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެފައެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ރާއްޖޭގެ އެކި ރަށްރަށަށްވެސް ތަފާތު ގެއްލުންތައް ދަނީ ވަމުންނެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑުގެ ރާޅުގެ އުސްމިން 3-6 ގެ އުސްމިނުގައި ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.