އާރްބީ ލީޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް ކްރިސްޓޮފާ އެންކުންކޫގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އެންކުންކޫގެ ވާތު ފަޔަށް އަނިޔާވީ އިއްޔެ ބޭއްވި ފްރާންސްގެ ފަރިތަކުރުންތަކުގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑޮއާޑް ކަމަވިންގާއާ ދެ ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަވިންގާ ކުރި ޓެކުލަކުންނެވެ.

ފްރާންސުން ނެރުނު ބަޔާނެއްގައި ވަނީ، މި އަނިޔާގެ ސަބަބުން އެންކުންކޫ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އެ ހިތާމައިގައި ފްރާންސްގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވާ ކަމަށާއި، އަނިޔާއަށް ރަނގަޅުވެ ވީ އެންމެ އަވަހަކަށް ކުޅުމަށް އެނބުރިއައުމަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރިން ޕީއެސްޖީ އަށް ކުޅުނު އެންކުންކޫ، 25، މި ވަގުތު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގައެވެ. އެގޮތުން، މިފަހަރުގެ ބުންޑެސްލީގާގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި 12 ގޯލާއެކު އެންކުންކޫ އުޅޭއިރު، ލީޕްޒިގަށް މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 23 މެޗުގައި 17 ލަނޑުޖަހައިފައިވެއެވެ.

މީގެއިތުރުން، އެންކުންކޫ ވަނީ މިދިޔަ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކައި، ލީޕްޒިގަށް ކުޅެދިން 50 މެޗުން 35 ގޯލު ޖަހައި، 19 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއާއެކު، ނިމިދިޔަ ސީޒަނުގެ ބުންޑެސްލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް އެންކުންކޫ އެވެ.

އެންކުންކޫގެ ބަދަލުގައި ފްރާންސް ޓީމަށް ނަގާނެ ކަމަށް ބެލެވެނީ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ ފޯވާޑް ރޭންޑަލް ކޯލޯ މުއާނީ ނޫނީ ފްރާންސްގެ ރެނޭސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންގް، މާޓިން ޓެރިއޭ އެވެ.

މީގެކުރީން، މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑުގައި ހިމެނުނު ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުނުވާތީވެ، އޭނާގެ ބަދަލުގައި މޮނާކޯގެ ޑިފެންޑަރު އެކްސެލް ޑިސާސީ ވަނީ ޓީމުގައި ހިމަނާފައެވެ.