ބޮލީވުޑް ފިލްމު "ސާކަސް"ގެ ޝޫޓިންގެ ނިންމާލެވިއްޖެ ކަމަށް ފިލްމުގެ ލީޑް އެކްޓަރު ރަންވީރް ސިންގ ބުނެފިއެވެ. އޭނާ މިއަދު މިކަން ފޭނުންނަށް ޙިއްޞާކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. 

ޑައިރެކްޓަރު ރޯހިތު ޝެޓީއާއި ވަރުން ޝަރްމާއާއެކު ނަގާފައިވާ ފޮޓޯއެއް ޙިއްޞާކުރަމުން ރަންވީރް ބުނެފައިވަނީ "ސާކަސް"ގެ ޝޫޓިންގެ ނިންމާލެވިއްޖެ ކަމަށާއި ދެން އޮތީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ކަމަށެވެ. 

"ސާކަސް"އަކީ ރަންވީރުގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އޭނާގެ ޑަބަލް ރޯލު ފެނިގެންދާނެ ފިލްމެވެ. މި ފިލްމަކީ ކޮމެޑީ ފިލްމަކަށް ވާއިރު ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ ރޯހިތު ޝެޓީއެވެ. ރޯހިތަކީ މީގެ ކުރިން ވެސް ކާމިޔާބު ކޮމެޑީ ފްރެންޗައިސެއް އުފައްދާފައިވާ ފަންނާނެކެވެ. "ގޯލްމާލް" ފްރެންޗައިސަކީ ބެލުންތެރިންގެ މެދުގައި ވަރަށް ވެސް މަޤްބޫލްވެގެން ދިޔަ ފިލްމުތަކެކެވެ. އެހެންކަމުން ރަންވީރުގެ ވެސް އަދި ރޯހިތުގެ ފޭނުން ވެސް ޤަބޫލުކުރަނީ "ސާކަސް"އަކީ ވެސް ތަފާތު، އެހާމެ މަޤްބޫލް ފިލްމަކަށް ވާނެ ކަމަށެވެ.

"ސާކަސް"ގައި ރަންވީރުގެ އިތުރުން ފެނިގެންދާނީ ޖެކްލީން ފެނާންޑޭޒްއާއި ސިދާތު ޖާދާވްގެ އިތުރުން ޖޯނީ ލެވަރއެވެ. ފިލްމު ރިލީޒްކުރާނެ ކަމަށް ލަފާކުރެވެނީ 2022 ޑިސެމްބަރު 23ގައެވެ.