ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ޖައްރާފާ މަގޫދޫއަށް މޮބިލައިޒްކޮށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީ އިން ބުނީ މި މަސައްކަތް ފަށާފައިވަނީ 16 ނޮވެމްބަރުގައި ކަމަށާއި ރަށުގެ ބަންޑް ވޯލް ހެދުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޚާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައި ވެއެވެ. އަދި އެއަރޕޯޓް ތަރައްޤީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ނިންމާފައިވެއެވެ.
މީގެ އިތުރުން 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫއަކީ 206.87 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
