"މަނީ ހައިސްޓް"އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭ ޒުވާނަކު މިހާރު މަދުވާނެއެވެ. ސަބަބަކީ އެއީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ވެގެންދިޔަ ސްޕެނިޝް ވެބް ސީރީޒަކަށް ވާތީއެވެ. އަދި ހަމައެހެންމެ ގިނަ ދިވެހި ޒުވާނުންނެއް އަދިވެސް ތަކުރާރުކޮށް ބަލަމުންދާ ސީރީޒަކަށް ވާތީއެވެ. 2017 ވަނަ އަހަރު ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފެށި "މަނީ ހައިސްޓް"ގައި ޖުމްލަ 05 ސީޒަން ވަނީ ނެރެފައެވެ. ނަމަވެސް މި ލިޔުމުގައި ފާހަގަކޮށްލަން މިއުޅެނީ މި "މަނީ ހައިސްޓް"ގެ ވާހަކައެއް ނޫނެވެ. މި ސީރީޒް އަސްލަކަށް ބަލައިގެން ކޮރެއާ ބަޔަކު އުފައްދާ ވެބް ސީރީޒެއްގެ ވާހަކައެވެ.
2017ގައި ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ފެށި "މަނީ ހައިސްޓް (ލަ ކާސާ ޑީ ޕާޕޭލް)" އަސްލަކަށް ބަލައިގެން އެ ވެބް ސީރީޒްގެ ރިމޭކެއް ވަނީ ކޮރެއާއިން އުފައްދައިފައެވެ. އެގޮތުން 2021 ވަނަ އަހަރު ވަނީ "މަނީ ހައިސްޓް: ކޮރެއާ - ޖޮއިންޓް އިކޮނޯމިކް އޭރިއާ"ގެ ނަމުގައި ސީރީޒްގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައެވެ. ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރި މި ސީރީޒްގެ ފުރަތަމަ ސީޒަނަށް އެތައް ބައެއްގެ ތަރުޙީބު ލިބިގެންދިޔައެވެ.
ދާދިފަހުން "މަނީ ހައިސްޓް: ކޮރެއާ - ޖޮއިންޓް އިކޮނޯމިކް އޭރިއާ"ގެ ދެވަނަ ސީޒަން ނުކުންނަށް އުޅޭ ކަމަށް ވަނީ ނެޓްފްލިކްސްއިން ހާމަކޮށްފައެވެ. އަދި 'ސީޒަން 2'ގެ ޓްރެއިލަރ ވެސް މިހާރު ވަނީ ޢާއްމުކޮށްފައެެވެ.
އެގޮތުން މަނީ ހައިސްޓްގެ އަސްލާ ދާދި އެއްކަހަލަ ޙާދިޘާތަކެއް ދިމާވާ މި ސީރީޒްގެ ދެވަނަ ސީޒަން ސްޓްރީމްކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުން ފެށިގެންނެވެ. ދެކުނު ކޮރެއާގެ މި ސީރީޒްގެ ދެވަނަ ސީޒަނުގައި ވެސް ފެނިގެންދާނީ ފުރަތަމަ ސީޒަނުގައި ވެސް ފެނިގެންދިޔަ އެކްޓަރުންނެވެ. އޭގެ ތެރޭގައި "ޔޫ-ޖީ-ތޭ"އާއި "ޕާކް-ހޭ-ސޫ"ގެ އިތުރުން "ލީ-ހަނ-ވޫ" ހިމެނެއެވެ.
