ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަމަށް ފްރާންސް ޓީމުން ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ހާސިލްކުރި ބެންޒެމާ، 34، އަށް އަނިޔާވީ، އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައެވެ.
ފްރާންސްގެ ފެޑެރޭޝަނުން ވަނީ އެންމެ ފަހުގެ އެމްއާރްއައި ރިޕޯޓުގެ ނަތީޖާ ދައްކާގޮތުން ބެންޒެމާ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، އެންމެ އަވަހަށް ވެސް އެނބުރި އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.
"ފްރާންސްގެ މުޅި ޓީމުން ވެސް ބެންޒެމާ އަށް އަވަސް ޝިފާއަކަށް އެދެން،" ބަޔާނުގައިވެއެވެ.
މީގެކުރީން، ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިފަހަރުގެ ސްކޮޑުގައި ނުހިމެނުނުއިރު، ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އާއި އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ވިންގް، ކްރިސްޓޮފާ އެންކުންކޫ ވެސް އަނިޔާގެ ސަބަބުން ވަނީ ސްކޮޑަށް ނެގުމަށްފަހު، ފަހުން ބާކީކޮށްފައެވެ. އަދި އޭސީ މިލާންގެ އެއްވަނަ ގޯލްކީޕަރު މައިކް މައިގްނަން އަށް ވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ.
ބެންޒެމާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ނެގުމުގެ ފުރުޞަތު މާދަމާގެ ނިޔަލަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް އެބައޮތެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއަށްފަހު މި މަހުގެ 26 ވަނަ ދުވަހު ޑެންމާކާ ދެކޮޅަށް ކުޅުމަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 30 ވަނަ ދުވަހު ފްރާންސް ނިކުންނާނީ ޓިއުނީޝިއާ އާ ދެކޮޅަށެވެ.
