މަހަލްދީބް ފައުންޑޭޝަނުން ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކޯހެއް 3 ހަފުތާއަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ފައުންޑޭޝަނުން ބުނީ ރެއިޒް ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ 975 ރުފިޔާ ކަމަށެވެ. އަދި މިކޯހުގައި ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ހުށައެޅުމުގެ ފުރުޞަތު އޮކްޓޯބަރ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
"ކިޔެވުން ފެށުމަށް މިހާރު ތާވަލުކޮށްފަ އޮތީ އޮކްޓޯބަރ 16 ވަނަ ދުވަހު. ކޯހުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި ތަފާތުއެކި ޑިސްކައުންޓްތައް ވެސް ދިނުމަށް ހަމަޖެހިފަ. އެގޮތުން 3 މީހުނަށްވުރެ ގިނަ މީހުން އެއްފަހަރާ ރަޖިސްޓަރީ ކުރާނަމަ ނުވަތަ ދެމަފިރިން އެއްކޮށް ރަޖިސްޓަރީ ކުރާނަމަ %10 ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ." މަހަލްދީބް ފައުންޑޭޝަނުން ބުންޏެވެ.
އެ ފައުންޑޭޝަނުން ބުނީ މި ކޯހުގައި ދަރީން ތަރުބިއްޔަތު ބޭނުން ކުރާނެ ތަފާތު އުކުޅުތަކާއި ދެމަފިރިންގެ ގުޅުމާއި ހައްޤުތަކާއި، ތަރުބިއްޔަތަކީ ކޯއްޗެއްކަން ބުނެދިނުން ހިމެނޭ ކަމަށެވެ. އަދި އެކި ޢުމުރުފުރައިގެ ކުދިން، ޙާއްސަކޮށް ފުރާވަރުގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތް ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ޕޮޒިޓިވް ޕޭރެންޓިންގ އާއި އިންޓަރނެޓް ސޭފްޓީއާއި އިންޓަރނެޓަކީ ކުދިންނަށް އަމާން މާޙައުލަކަށް ހެދުމަށްޓަކައި ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި ކުދިންނާއި މުޢާމަލާތު ކުރާނެ ގޮތާއި ކުދިން ތަރުބިއްޔަކުރުމަށް ހުރި ގޮންޖެހުންތައް ވެސް ކިޔަވައިދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
" މިކޯހުގައި ދަރިންތަރިބިއްޔަތު ކުރުމުގައި ޢާންމުކޮށް ހެދޭ ގޯސްތަކާއި ސްކްރީން ޓައިމް މަދުކުރާނެ ގޮތްތަކާއި ތަރުބިއްޔަތު ކުރުމުގައި ރަސޫލާ ގެންގުޅުއްވި އުސްލޫބުތަކާއި އަނިޔާގެ ވަކިތަކުން ދަރިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދޭނެ." އެ ފައުންޑޭޝަނުން ބުންޏެވެ.
މިފަދަ ކޯހެއް ހިންގަން ނިންމީ، 2016 ވަނަ އަހަރުން ފެށިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން ކުރިއަށް ގެންދިޔަ ވަރކްޝޮޕްތަކުން ލިބުނު ތަޖުރިބާގެ އަލީގައިކަމަށް ވެސް މަހަލްދީބް ފައުންޑޭޝަނުން ބުނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކޯހުގައި ރެޖިސްޓްރީވުމަށްhttp://bit.ly/raiseonlinecourse އަށް ވެންނެވުމަށް މަހަލްދީބް ފައުންޑޭޝަނުން އެދެއެވެ.
ޚަބަރު
މަހަލްދީބް ފައުންޑޭޝަނުން ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކޯހެއް 3 ހަފުތާއަށް ކުރިއަށް ގެންދަން ނިންމައިފި

އެހެނިހެން ލިޔުން