އަންހެނުންގެ ހަށިގަނޑުގައިވާ ގުނަވަންތަކުން ރަހިމަކީ ވަރަށް ތަފާތު ގުނަވަނެކެވެ. ކުޑަކުޑަ މި ގުނަވަނަކީ ދަރިމައި ވެއްޖެނަމަ ވަރަށްވެސް ބޮޑުވެދާ ގުނަވަނެކެވެ. އަދި ހަމަ އެއާއި އެކު ދަރިމައިވުމަށް ބޭނުންވާ ބިހަށް ތަންމައްޗެއް ކަމުގައި ރަހިމު ވެއެވެ. ދަރިމައިވެއްޖެ ނަމަ އެ ދަރިފުޅު ހެދި ބޮޑުވާ ގޮވައްޗެއް ކަމުގައި ރަހިމު ވެދެއެވެ. އަދި ދަރިމައިނުވެއްޖެނަމަ މައްސަރުކަންކަން ދިމައިވުމުގައި އޮހޮރޭ ލޭތައް އޮހޮރިގެން އަންނަނީވެސް ރަހިމުގެ ތެރެއިންނެވެ. އެހެންކަމުން ރަހިމުގެ މި އަޖައިބުކުރަނިވި ކަންތައްތަކަށް ބަލައިލާނަމެވެ.
މައްސަރުކަންކަން ދިމައިވާ އިރު ރަހިމުގެ އެތެރެ ފާރުގެ ފަށަލަތައް ތަފާތު އެކި މަރުހަލާތަކެއް ކަޑައްތު ކުރެއެވެ. މައްސަރު ކަންކަން ދިމައިވަނީ ދުވަސްތަކެއްގެ މަރުހަލާތަކަކަށް ފަހުގައެވެ. އެ ދުވަސްވަރަކީ އަންހެނާގެ ބިސްރަވައިން ދަރިމައިވުމަށް ފައްކާވެފައިވާ ބިސްތައް ރަހިމުގެ ތެރެއިން ދަތުރުކުރާނޭ ދުވަސްތަކެކެވެ. މި ދުވަސްތަކުގައި ފިރިހެން ދަރިފަނި އައިސް އެއިން ބިހަކާ ބައްދަލުވެއްޖެނަމަ، އެ ބިހަށް ތަންމައްޗެއް ކަމުގައި ރަހިމުގެ ފާރިތައް ވެއެވެ. އެކަމަށްޓަކައި އެ ރަހިމުގެ ފާރުތައް ބޯވެ، ބޯ ފަށަލައެއް އުފެދެއެވެ.
މައްސަރުކަންކަން ދިމާވަނީ މި ބިސް ދަރިމައި ނުވުމުންނެވެ. އެއާއި އެކު ރަހިމުގެ ފާރުގައި އެ އުފެދުނު ބޯ ފަށަލަ، ހަލާކުވާން ފަށައެވެ. އެއާއި އެކު އެ ފަށަލައިން ލޭ އޮހޮރިގެން ދެއެވެ. މައްސަރުކަންކަން ދިމާވާއިރު މި ފެންނަނީ މި ލެޔެވެ. އެއީ އަންހެނާގެ ކުރިމަތި ފަރާތުން އައި ކަމުގައި ވިޔަސް، އަންހެނާގެ ކުރިމަތި ފަރާތުން އުފެދޭ ލެޔެއް ނޫނެވެ. އެއީ ރަހިމުގެ ތެރެއިން އަންނަ ލެޔެކެވެ.
ދަރިމައިވުމަށް ފައްކާވެފައިވާ ބިސްތައް ދަތުރުކުރުމުގައި ފިރިހެން ދަރިފަންޏަކާއި އެކުވެ، ބިހެއް ދަރިމައިވެއްޖެނަމަ، އެ ބިހެއް ގޮސް ރަހިމުގެ ފާރުގައި ބޯވެފައިވާ ފަށަލައިގައި ތަތްލައެވެ. އަދި ރަހިމުގެ އެންޑޯމެޓްރިއަލް ފަށަލައޭ ކިޔާ ފަށަލައިގައި މި ބިސް "އަށަގަނެއެވެ". މިއީ ރަސްމީކޮށް ދަރިމައިވުން ފެށޭ ހިސާބެވެ. އަދި މިއީ މައްސަރުކަންކަން ދިމައިވުން ވަގުތީ ގޮތުން ހުއްޓުވާ ވެސް ކަމެކެވެ.
މިގޮތަށް ދަރިމައިވެފައިވާ ބިސް، ރަހިމުގެ ފާރުގައި އަށަގަންނަ ހިސާބުން ދަރިމައި ވުމުގެ މަރުހަލާތައް ފެށޭނެއެވެ. އެ ބިސް ނުޠުފާއަކަށް ވުމާއި އެ ބިސް ވާމަސް އުފެދުމާއި އެ ވާމަސް މައިމީހާގެ ހަށިގަނޑާ ސީދާ ގުޅި، ކާނާ ނެގުމާއި މި ހުރިހާ މަރުހަލާއެއް ރަހިމުގެ ތެރޭގައި ކުރިއަށް ދެއެވެ. ގާތްގަނޑަކަށް ދެެ އިންޗި ނުވަތަ ތިން އިންޗި ހުންނަ މި ކުޑަ ކުޑަ ރަހިމުގެ މަސްތަކުގައި އަޖައިބެއްކަހަލަ ދެމުމެއް ވެއެވެ. އެހެނީ އެ އިންސާނާ މައިމީހާގެ ރަހިމުގައި އޮވެ ބޮޑުވަމުންދާ ވަރަކަށް މައިމީހާގެ ރަހިމުވެސް ބޮޑުވަމުން ދާ ކަމެވެ. އެފަދައިން ބޮޑުވަމުން ދާ ދިއުމުގައި ރަހިމަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.
މާބަނޑު ދުވަސްވަރު ރަހިމުގައި އެ ދަރިފުޅު އުފުލުމާއި އަދި ވިހަން ވުމުން އެ ދަރިފުޅު މައިމީހާގެ ރަހިމުގެ ދޮރުން ބޭރު ކޮށްދިނުމަށް ކޮށްޕާ ކޮށްޕުމުގައިވެސް ރަހިމުގެ ދައުރު ބޮޑެވެ. ވިހެއުމުގެ ވޭންވަރާއި އެކު ރަހިމުގެ މަސްތައް ހަރުވެ ކުރުގެޅެއެވެ. ނަތީޖާ އަކީ ދަރިފުޅު ރަހިމުގެ ދޮރުން ބޭރުވާން ފަސޭހަ ވުމެވެ. ކުއްޖާ ވިހެއުމާއި އެކު މަސްތުރަ ވުމާއި އެކު ރަހިމު އޭގެ އަސްލު ސައިޒަށް ބަދަލުވުމުގެ މަރުހަލާތައް ކަޑައްތު ކުރެއެވެ. އެގޮތުން ޑަކްޓަރުން ބުނާ ގޮތުގައި ވިހެއުމަށްފަހު، ރަހިމު އޭގެ އަސްލު މިނަށް ބަދަލުވާން ގާތްގަނޑަކަށް ހަ ހަފްތާ ނަގައެވެ.
މިއީ އަންހެނާގެ ހަށިގަނޑުގައިވާ އިންސާނީ ދަރިފަސްކޮޅު ދެމިގެން ދިއުމުގައި ބޮޑު ދައުރެއް އަދާކުރާ ރަހިމުގައިވާ އަޖައިބެއް ކަހަލަ ސިފަތަކެވެ. މި ސިފަތަކުން ފުރިގެންވާ އަޖައިބެއްކަހަލަ ގުނަވަން އިންސާނުންގެ ހަށިގަނޑުގައި ލެއްވިކަމަށްޓަކައި މާތް ﷲ އަށް ޝުކުރު ހުއްޓެވެ.
