ބޮލީވުޑް އެކްޓަރު ސައިފް ޢަލީ ޚާނަކީ ސޯޝަލް މީޑިއާ ބޭނުން ނުކުރާ ތަރިންގެ ތެރެއިން އެކަކެވެ. އެހެންކަމުން ސައިފް ސޯޝަލް މީޑިއާ ބޭނުން ނުކުރަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދަމުންދާތީ އޭނާ މި ސުވާލުގެ ޖަވާބު މިހާރު ވަނީ ދީފައެވެ.
ޚަބަރު ޕޯޓަލްއަކަށް ވާހަކަދައްކަމުން ސައިފް ބުނީ އޭނާ ސޯޝަލް މީޑިއާ ބޭނުން ނުކުރަނީ އޭގެ ސަބަބުން އެތައް ބަޔަކު އެކި ގޮތްގޮތަށް އޭނާ ޕޯސްޓްކުރާނެ ފޮޓޯތަކަށް ޚިޔާލު ދޭނެތީއެވެ. އަދި އެކަމުގެ ތެރޭގައި ތާށިވެފައި ހުންނަން ބޭނުން ނުވާތީއެވެ.
"އަހަރެން އަތުގައި ބައިވަރު ފޮޓޯ އެބަހުރި! އަހަރެންގެ އަމިއްލަ ފޮޓޯ މިބުނީ... އެކަމަކު އެ ފޮޓޯތައް މިސާލަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް އަޅަންވީ... ދެން އޭރުން އެތައް ބަޔަކު އެކި ގޮތްގޮތަށް ސަޖެޝަންތައް ދީ، އަދި ލާންވީ ފޮޓޯއާ ނުލާންވީ ފޮޓޯއާ ކިޔައިދީ މިކަހަލަ ގޮތަކަށް އެކަން ދާނީ! އަހަރެން ބޭނުމެއް ނޫން އެކަންކަމަކަށް ބޯ ގާނާކަށް! ދެން އެންމެން ހިތްހަމަޖެހޭ ގޮތަކަށް ގިނަފަހަރަށް އެކަމެއް ވެސް ނުކުރެވޭނެ! އެހެންވީމަ، އެއީ އަހަރެން އެހާ ހިތްހަމަޖެހޭ ގޮތެއް ނޫން" ސައިފް ކިޔައިދިނެވެ.
ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ކަރީނާ ކަޕޫރަށެވެ. އަދި ސައިފާއި ކަރީނާއަށް ދެ ކުދިން ވެސް ތިބެއެވެ. އެއީ ތައިމޫރު ޢަލީ ޚާނާއި ޖެހާނގީރް ޢަލީ ޚާނެވެ. އަދިވެސް އިތުރު ދެކުދިން އޭނާގެ ތިބެއެވެ. އެއީ އޭނާގެ ކުރީގެ އަނބިމީހާ އަމްރީތާ ސިންގއަށް ހުންނަ ސާރާ ޢަލީ ޚާނާއި އިބްރާހީމް ޢަލީ ޚާނެވެ.
ސައިފް އެންމެ ފަހުން ފެނިގެންދިޔައީ ރިތިކް ރޯޝަނާއެކު، ދެކުނު އިންޑިއާގެ ފިލްމު "ވިކްރަމް ވޭދާ"ގެ ރިމޭކުންނެވެ. އަދި ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ލަފާކުރެވެނީ އޯމް ރައުތުގެ "އަޑިޕުރުޝް"އިންނެވެ. "އަޑިޕުރުޝް"ގައި ސައިފުގެ އިތުރުން ޕްރަބާސްއާއި ކްރިތީ ސެނަން ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނެއެވެ.
