މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ސިނަމާތަކުގައި އަޅުވަމުންދާ އަޖޭ ދޭވްގަންގެ "ޑްރިޝްޔަމް 2" ވަރަށް ބާރަށް ބޮކްސް އޮފީހުގައި އެބަ ކުރިއަށް ދެއެވެ. ފިލްމުގެ އެޗްޑީ ކޮޕީއެއް ލީކްވެގެން ދިޔަ ނަމަވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާ މަންޒަރެއް ވެސް ނުފެނެއެވެ. އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑަށް ފިލްމަށް ދަނީ ކާމިޔާބު ލިބެމުންނެވެ. ނަމަވެސް ދައްކަން މިއުޅެނީ "ޑްރިޝްޔަމް 2"ގެ ވާހަކައެއް ނޫނެވެ.

"ޑްރިޝްޔަމް 2" ރިލީޒްކުރިތާ 3 ދުވަސް ތެރޭގައި ފިލްމުގެ ޑައިރެކްޓަރު މިހާރު މިވަނީ "ޑްރިޝްޔަމް" ފްރެންޗައިސްގެ ތިންވަނަ ފިލްމު އުފައްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބެލުންތެރިންނަށް ދީފައެވެ. އެގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމު ކަމަށްވާ 'ވިއާކޯމް18 ސްޓޫޑިއޯ'އިން މިހާރު މަސައްކަތް ފަށައިފި ކަމަށް ވެސް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މިޑިއާއަކުން ވަނީ ބުނެފައެވެ. 

Screenshot 2022-11-21 at 9.50.21 PM

ބޮލީވުޑްގައި "ޑްރިޝްޔަމް" ފެށިގެން މިހާރު 2 ފިލްމެއް ނެރެފައިވާއިރު ދެކުނު އިންޑިއާއިން ވެސް ހަމަ "ޑްރިޝްޔަމް"ގެ ނަމުގައި 2 ފިލްމެއް ވަނީ މިހާތަނަށް ނެރެފައެވެ. އެކަމަކު ނިމިދިޔަ 2 ފަހަރު ވެސް ބޮލީވުޑް (ހިންދީ) ފިލްމަށްވުރެ ކުރިން ދެކުނު އިންޑިއަން (މަލަޔާލަމް) ފިލްމު ވަނީ ރިލީޒްކޮށްފައެވެ. އެހެންނަމަވެސް މިފަހަރު ހިންދީ "ޑްރިޝްޔަމް 3"އަށްވުރެ ކުރިން މަލަޔާލީ "ޑްރިޝްޔަމް 3" ރިލީޒްނުކުރާނެ ކަމަށް ޑައިރެކްޓަރު އަބީޝޭކް ޕަތަކް ވަނީ ބުނެފައެވެ. އަދި އެއީ މިފަހަރު ހިންދީ "ޑްރިޝްޔަމް 3" ވެސް އަދި މަލަޔާލީ "ޑްރިޝްޔަމް 3"ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ އެއް ތާރީޚެއްގައި ކަމަށްވާތީ ކަމަށް ވެސް ޕަތަކް ބުނެފައިވެއެވެ. 

"ޑްރިޝްޔަމް 3"ގައި ވެސް މައި ރޯލުން ފެނިގެންދާނީ ފުރަތަމަ 2 ބައިގައި ވެސް ފެނިގެންދިޔަ އަޖޭ ދޭވްގަންއެވެ. އަދި "ޑްރިޝްޔަމް 3"އަށް ކުރަންޖެހޭ އިންތިޒާރު އެހާ ދިގެއް ނުވާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ. 

އުމުރުން 53 އަހަރުގެ އަޖޭގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ބޯލާ"އާއި "މައިދާން" ހިމެނެއެވެ.