އުރީދޫ މޯލްޑިވްސް އިން ކުޅުދުފުށި ސިޓީ ކައުންސިލް އާއި ގުޅިގެން އުރީދޫ އެސްއެމްބީ މީޓްއަޕް-ނޯތު އެޑިޝަން އިއްޔެ ހދ.ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

އުރީދޫ އެސްއެމްބީ މީޓަޕް އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކް ކޮށް، ޚިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް އަދި ޕާޓްނަރޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެކެވެ. މިއަހަރުގެ ޖޫން މަހުގައި އުރީދޫ މޯލްޑިވްސް އިން ފެށި މި ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު ގްރޭޓާ މާލެއަށް އަމާޒުކޮށް މާލޭގަ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ. އަދި ޑިޖިޓަލް ސޮލިއުޝަންތަކުން ދެމަހެއްޓަނިވި ގޮތެއްގައި ރާއްޖޭގައި ވިޔަފާރިތަކަށް ކުރިއެރުން މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި މިއަހަރު ކުރީކޮޅު އެ ކުންފުނިން މި މަސައްކަތް ފަށާފައިވާއިރު، މި ފޯރަމް ރާއްޖޭގެ އުތުރަށް ގެނެސް، މި ސަރަޙައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ދެމެހެއްޓެނިވި ކުރިއެރުމަކަށްޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެ ސަރަޙައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމަޢުއާއި އިޤްތިޞާދަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުރީދޫއިން ފޯރުކޮށްދޭ ހައްލުތަކާ ބެހޭގޮތުން އުރީދޫއިން މައުލޫމާތު ސާފުކޮށްލުމަށް https://www.ooredoo.mv/smb_form ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ ނެޓްވޯކްމެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ބައެއް ފައިދާތަކުގެ ތެރޭގައި:

  • މުޅި ރާއްޖެ ހިމެނޭހެން 4ޖީ ކަވަރޭޖް ލިބުން
  • ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ކަނެކްޓިވިޓީ ސޮލިއުޝަން (ޕޯސްޓްޕެއިޑް ވޯކް ގްރޫޕް ޕްލޭން، ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ، މޫލީ، އެމް-ފައިސާ)
  • ގްރޭޓާ މާލޭގެ ބޮޑު ބައެއް ކަވަރުކުރާ 5ޖީ ނެޓްވޯކް
  • ކުޅުދުއްފުށި، ސިންގަޕޫރު އަދި ޔޫރަޕާއި ގުޅާލާ ޕީސް ކޭބަލްއަށް އިންވެސްޓްކުރުން: ޕީސް ކޭބަލް އެޅުމާއެކު އުރީދޫ އިންޓަނެޓް ސްޕީޑާއި ލެޓެންސީ ބޮޑުތަނުން ރަނގަޅުވެ، ވިޔަފާރީގެހަރުދަނާކަން އިތުރުވެ، ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
  • ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރުގައި ވިޔަފާރިތަކުގެ ސާވާ ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދިއުން.

ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓްއަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.