އަހަރެމެން އެންމެންނަށް ވެސް ތަދު އިހުސާސް ކުރެވެން ފެށެނީ ހަށިގަނޑުގައި ހުންނަ ނޮސިސެޕްޓަރސް ކިޔާ ހިއްސީ ނާރު ފައިބަރުތައް ހަރަކާތްތެރިވުމުން އުފެދޭ "ސްޓިމުލަސް" ތަކެއްގެ ސަބަބުންނެވެ. މި ޚާއްޞަ ފައިބަރުތައް — ހަންގަނޑާއި މަސްތަކާއި ހުޅުތަކާއި އަދި ބައެއް ގުނަވަންތަކުގައި ހުރެއެވެ. އަދި އެތަނަކުން ސިކުނޑިއަށް ތަދުގެ ސިގްނަލްތައް ފޮނުވައެވެ. އެ ސިގްނަލްތައް ސިކުނޑިއަށް ފޯރުމުން އިންސާނާއަށް ތަދުގެ އިހުސާސް ކުރެވެއެވެ.
ސިކުނޑިއަކީ ތަދު އިހުސާސް ކުރެވޭ ގުނަވަނެއް ނޫނެވެ. އެހެންނަމަވެސް ހުރިހާ ތަދެއް އިހުސާސް ކޮށްދެނީ ސިކުނޑީގެ އެހީގައެވެ. ސިކުނޑިއަކީ ތަދު އިހުސާސް ނުކުރެވޭ ގުނަވަނަކަށް ވަނީ ސިކުނޑީގެ ހަތާރުތަކުގައި ނޮސިސެޕްޓަރސް އޭ ތަދު އިހުސާސް ކުރެވޭ ހިއްސީ ނާރު ނުހުންނާތީއެވެ. ސިކުނޑީގެ މި ސިފައިން ދޭހަވަނީ "ނިއުރޯސާޖަން" އަށް ބަލިމީހާއަށް އުނދަގޫ ނުކޮށް ސިކުނޑީގެ ހަތާރުތަކުގެ އޮޕަރޭޝަން ކުރެވޭނެ ކަމާއި، ބައެއް ހާލަތްތަކުގައި ބަލިމީހާ މުޅިން ހޭނުނައްތާވެސް ވެސް ސިކުނޑީގެ ސާޖަރީ ކުރެވޭނެކަމެވެ.
ސިކުނޑިއަކީ ތަދު އިހުސާސް ނުކުރެވޭ ގުނަވަނަކަށް ވާއިރު ބޮލުގަ ރިހޭ ރިހުމަކީ އަދި މުޅިން ތަފާތު ވާހަކައެކެވެ. ސިކުނޑީގައި ނޮސިސެޕްޓަރސް ނެތް ނަމަވެސް، ސިކުނޑިއާއި ބޮލުގެ ނާށިގަނޑާ ދެމެދު ރައްކާތެރި ފަރުދާއެއްގެ ގޮތުގައި މަސައްކަތްކުރާ "ޑުރަ" އާއި "ޕިއާ" ގެ ނަމުން މަޝްހޫރު ހަތާރުގެ ފަށަލަތަކުގައި ނޮސިސެޕްޓަރސް ހުރެއެވެ. ބައެއް ހާލަތްތަކުގައި މި ދެ ފަށަލަ ކައިރީގައި ހުންނަ ލޭހޮޅިތަކުން ދޫކުރާ ކެމިކަލްތަކުގެ ސަބަބުން ނޮސިސެޕްޓަރސް އެކްޓިވޭޓްވެ، މައިގްރެއިން ފަދަ ބޮލުގައި ރިހޭ ރިހުންތައް ކުރިމަތިވެއެވެ. ބޮލުގައި ހުންނަ ލޭ ހޮޅިތަކުން ލޭ ދައުރު ކުރާ ބާރުމިން މަތިވުމަކީވެސް ބޮލުގައި ރިހިދާނޭ ކަމެކެވެ.
އާންމުކޮށް ހާސްވެ ނުތަނަވަސްވުމުން ބޮލުގައި ރިހޭ ރިހުންތަކުގައި މައިގްރެއިންގެ ސިފަތައް ހިއްސާއެއް ނުކުރެއެވެ. ނަމަވެސް ބޮލުގެ މަސްތަކުގެ ހަތާރު ތަކަށް އަންނަ ބަދަލުތަކަކާއި ގުޅިގެން މިފަދަ ރިހުންތައް އުފެދެއެވެ. އެހެނީ ހާސްވުމާ ނުތަނަވަސް ވުމުގެ ސަބަބުން ބޮލުގެ މަސްތައް ހަރުވެ ކުރުގެޅޭގޮތް ވެއެވެ. ދެރަވެ ރޮވޭ މީހާގެ މޫނާއި ބޮލުގެ މަސްތަކަށްވެސް ވާނީ މިފަދަ ގޮތެކެވެ. އަދި ރުޅި އައިސްފައިވާ މީހާގެ މޫނާއި ބޮލުގެ މަސްތަކަށްވެސް ވާނީ މިފަދަ ގޮތެކެވެ. ރުޅި އައުމުން މޫނު ރަތްވުމާއި އިހްތިޔާރަކާ ނުލާ ދަތްވިކުން ފަދަ ކަންކަން ދިމައިވަނީ މިސަބަބާއި ހުރެއެވެ. މިފަދައިން މޫނާއި ބޮލުގެ މަސްތައް ހަރުވެ ކުރުގެޅެން ދިމައިވުމުން އެ މަސްތަކުގައި ހުންނަ ހިއްސީ ނާރުތަކުން ދަތުގެ އިހުސާސެއް އުފައްދައެވެ.
ސިކުނޑީގެ ރައްކާތެރިކަމަށްވާ މެނިންޖައިޓިސް ނަމަކަށް ކިޔާ ފަށަލައިގައި ޖަރާސީމު އަށަގަތުމަކީވެސް ބޮލުގައި ރިހިދާނޭ ކަމެކެވެ. ނަމަވެސް އެނގޭހާވެސް ކަމަކީ ސިކުނޑިއަކީ ތަދު އިހުސާސް ވާނޭ ގުނަވަނެއް ނޫންކަމެވެ. ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިޔަޔަސް ތަދު އިހުސާސެެއް ނުވާނެއެވެ. ނަމަވެސް އެ ފަޅައިގެން ދާ ލޭހޮޅިން ނުކުންނަ ލޭތައް ގިނަވެ ގަނޑުވެ ނުވަތަ ސިކުނޑި އޮންނަ ދިޔަވަރަށް އެޅި މިފަދަ ކަންކަން ވުމުން ބޮލުގައި ރިހިދާނެއެވެ. ނަމަވެސް އޭގެ ކުރިން ފެންނާނެ އަލާމާތްތަކަކީ ސިކުނޑީގެ އެ ހިސާބަކުން ކޮންޓްރޯލް ކުރާ މަސައްކަތަކަށް ބުރޫ އެރުމެވެ. އާންމުގޮތެއްގައި ދިމައިވާ ކަމަކީ ކޮންމެވެސް ގުނަވަނެެއްގެ ވާގި ނެތުމެވެ. ސިކުނޑީގައި ލެކޮޅެއް ގަނޑުވިޔަސް، އިންސާނާއަކަށް އެކަން އިހުސާސެއް ނުކުރެވޭނެއެވެ. ނަމަވެސް އިހުސާސް ކުރެވޭނީ އެ ގަނޑުވި ލޭ ކޮޅުގެ ސަބަބުން ބުރޫއަރާ ހަށިގަނޑުގެ އެހެން ގުނަންތަކުގެ މަސައްކަތްތަކެވެ.
ސިކުނޑީގައި ތަދު އިހުސާސް ކުރެވޭ ހިއްސީ ނާރު ނުހުންނަކަމީ މާތް ﷲ އަށް ޝުކުރު އަދާކުރުން ހައްގު ކަމެކެވެ. އެހެނީ ސިކުނޑީ އަކީ ހަށިގަނޑިގެ ހުރިހާ ކަމެއް ކޮންޓްރޯލު ކުރާ މައި ގުނަވަނެވެ. އެ ގުނަވަނަށް ބުރަކަމެއް ލިބޭ ކޮންމެ ފަހަރަކު، ދަތު އިހުސާސް ކުރެވޭ ކަމުގައި ވަނީނަމަ، އިންސާނަކަށް ކެތެެއް ނުވާނެއެވެ.
