މިދިޔަ ޖޫންމަހު މަރުވި ސުޝާންތުގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އަންނަނީ އަޑު އުފުލަމުންނެވެ. ސީ.ބީ.އައި ގެ ތަހުގީގު ކިތަންމެ ބާރު ސްޕީޑެއްގައި ފެށި ނަމަވެސް މިހާރު އާ ޚަބަރެއް ލިބެނީ ވަރަށް މަދުންނެވެ. މިކަމުގެ ތެރޭގައި ތިބި ސުޝާންތުގެ ފޭނުންގެ ލޮލުން އަނެއްކާވެސް ކަރުނަ ފާއްދާލީ ސުޝާންތުގެ "ވެކްސް ސްޓޭޗޫ" ފެނިފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އަނގައިން ބުނެފާނެހެނެވެ. އެހާވެސް ފުރިހަމަ އެވެ. ވެސްޓް ބޭންގޯލަށް ނިސްބަތްވާ 64 އަހަރުގެ ސުޝާންތޯ ރާއޯގެ މަސައްކަތަށް ބެލުން ތެރިން ވަނީ 100 މާރކްސް ދީފައެވެ.

ސުޝާންތޯވަނީ ކުރިންވެސް މަޝްހޫރު ފަރާތްތަކުގެ ސްޓްޗޫ ހަދާފައެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗަން، ޑިއޭގޯ މެރެޑޯނާ އަދި ޕްރަނާބް މުކަރްޖީ ހިމެނެއެވެ. ދޮޅުމަސް ދުވަހުން ނިންމާލެވުނު ސުޝާންތުގެ މި ސްޓެޗޫ ބެހެއްޓިފައި ހުރީ ވެސްޓް ބެންގޯލް ގެ ހުޅަނދު ބަރްދުވާންގައި ހުންނަ އޭނާގެ ސްޓޫޑިއޯގައެވެ. ސުޝާންތޯ ހާމަ ކުރި ގޮތުގައި އަމިތާބް އަދި މެރެޑޯނާ ފަދަ ޝަހުސިއްޔަތު ތަކުގެ ސްޓެޗޫ ހަދާފައިވަނީ އެމީހުންގެ މަސައްކަތް ފާހަގަ ކުރުމަށެވެ. ހަމަ އެގޮތަށް ސުޝާންތުއަކީ ވެސް ކުޑަ އަވަށަކުން އައިސް ބޮލީވުޑްގައި ފައިތިލި ސާބިތުކޮށް އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދި ފަންނާނެކެވެ. އަދި އެކަމަކީ ސާބަސް ހައްގު ކަމެކެވެ. ނަމަވެސް ސުޝާންތުއަށް އޭނާގެ މަސައްކަތް ދައްކާލާނެ ފުރުސަތު ނުލިބުމުން އެކަމަށް ހިތާމަ ކުރާ ކަމަށް ސުޝާންތޯ ހާމަ ކުރިއެވެ.

އިތުރަށް ސުޝާންތޯ ހާމަ ކުރި ގޮތުގައި ސުޝާންތު އެކޭ އެއްގޮތަށް އޭނާގެ މަސައްކަތް މީހުނަށް ދައްކާލުމަށް ގެލެރީ އެއް ހެދުމަށް ބިމެއް ދިނުމަށް ސަރުކާރުގައި އެދިގެން އަދިވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބެއެވެ. ނަމަވެސް އޭނާވެސް އަންނަނީ ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ. އަޒުމަކަށް ބަދަލެއް ނާދެއެވެ. އުއްމީދަކީ ކޮންމެވެސް ދުވަހަކުން އޭނާއަށްވެސް ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރު ލިބި އޭނާގެ މަސައްކަތްވެސް ބަލައިގަތުމެވެ.