ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބައްޔެކެވެ. ބަލީގެ ޠަބީއަތުން ހަކުރު ބައްޔަކީ އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންނަމަވެސް ހަކުރުބަލި ޖެހިފައިވާ މީހުންނާއި މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން، އެމީހުންގެ ދިރިއުޅުމުގައި ނުރައްކާތެރި ބައްޔެއް ޖެހިފައި ހުންނަ ކަމުގެ އިހުސާސް ކުރާކަމުގެ އަސަރެއް ނުހުރެއެވެ. އަދި ބައެއް މީހުންނީ ފަހުރުވެރިކަމާއެކު ތިމަންނާ މީ ހަކުރު ހުންނަ މީހެކޭ ނުވަތަ ހަކުރަަށް ބޭސް ކާ މީހެކޭ ބުނެވޭ ތަންވެސް އެބަ އާދެއެވެ. މިއީ އެއްވެސް ހާލެއްގައި ފަހުރުވެރިވާން ޖެހޭ ކަމެއް ނޫނެވެ. ހަކުރު ބައްޔަކީ މީހާގެ ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ.
ހަކުރުމަތި ވުމޭ ނުވަތަ ހަކުރު ބައްޔޭ ބުނެވެނީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ ހަކުރުގެ މިންވަރު (ގުލްކޯޒު) މަތި ވުމަށެވެ. މިހެން ދިމާވާން މެދުވެރިވާ އޮތީ މައިގަނޑު ދެ ސަބަބެވެ. އެއީ އެ ހަކުރުތައް ހަށިގަނޑުގެ މަސައްކަތްތަކުގައި ބޭނުން ކުރުމަށް އެހީތެރިވެދޭ ހޯމޯނެއް ކަމަށްވާ އިންސިއުލިން އެކަށީގެންވާ މިންވަރަށް އުފައްދައިނުދިނުމާއި އަދި އުފައްދައިދޭ އިންސިއުލިންގައި އެކަން ކުރުމުގެ ގާބިލުކަން ނެތުމެވެ. ނަތީޖާ އަކަށް ވަނީ ލޭގައި ހުންނަ ހަކުރުގެ މިންވަރު މަތިވުމެވެ.
ހިތުގެ އެކި އެކި ބަލިތަކަކީ ހަކުރުބަލި ހުންނަ މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑު ބަލިތަކެކޭ އަބަދުވެސް ކިޔާ އުޅެއެވެ. އެހެންނަމަވެސް ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވިއެއްކަމަކު، ހިތުގެ ބަލިތައް ޖެހެންވީ ކީއްވެ ހެއްޔެވެ؟ މި ލިޔުމުގައި މިކަމުގެ މައްޗަށް ބަލާލާނަމެވެ.
ހަކުރަކީ އޭގައި ތޫނު ކަމެއް ހުންނަ މާއްދާއެކެވެ. މާ ފޮނިގަދަ ޖޫހެެއް ނުވަތަ ފަނިތައްޓެއް ނުވަތަ ސައިތައްޓެއް ބޯލުމަށްފަހު، "މި ހާދަ ފޮނިގަދައޭ، ހީވަނީ ކަރު ކަނޑައިގެން ގޮސްދާނެ ހެެންނޭ" ބައެއްފަހަރަށް ބުނެވެއެވެ. މި އިހުސާސް ކުރެވެނީ އެ ބުއިމެއްގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވުމުން އެ ބުއިމުގައި އުފެދޭ ޒާތެއްގެ ތޫނު ކަމަކުންނެވެ. މި ތޫނު ކަމުގެ އިހުސާސް އެ ބުއިމެއް ބޯލުމުން އަރުތެރޭގައި ލައެވެ. އަރު ތެރޭގެ ފާރުތަކުގައި ހިއްސީ ނާރުތައް ހުރުމުން، އެ ތޫނުކަމުގެ އިހުސާސް ކުރެވެނީއެވެ.
ދެން އޮތީ ލޭހޮޅިތަކެވެ. ހަކުރުބަލި ހުންނަ މީހުންގެ ހަކުރު މަތިކަމުގައި ވާނަމަ އެއީ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ލޭހޮޅިތަކަށް އަނިޔާލިބިދާނޭ ކަމެކެވެ. ސަބަބު މިއޮތީއެވެ. ލޭގައި ހުންނަ ހަކުރުގެ މިންވަރު މަތިވެ އިތުރުވުމުން، ލޭގައިވެސް ޒާތެއްގެ ތޫނު ކަމެއް އުފެދޭނެއެވެ. މި ލޭތައް ދަތުރުކުރަނީ ލޭހޮޅިތަކުގެ ތެރެއިންނެވެ. ހަގީގަތަކީ އެއްކަލަ ކަނޑައިގެންދާ އިހުސާސް ލޭހޮޅިތަކަށްވެސް ކުރުމެވެ. ނަމަވެސް ލޭހޮޅިތަކުގައި ހިއްސީ ނާރު ނުހުންނާތީ އެ އިހުސާސް އިންސާނާއަށް ނުކުރެވެނީއެވެ. މިގޮތަށް ލޭހޮޅިތަކުގެ ފާރުތަކަށް މި ތޫނުކަން އަބަދުމެ ލިބޭނެއެވެ.
މިފަދައިން ލިބޭ ތޫނު ކަމުގައި ނާޒުކު ލޭހޮޅިތަކުގެ ފާރު "ކަނޑައިގެން" ދާ ގޮތް ދިމާވެއެވެ. އަނިޔާވެ ހަލާކުވެއެވެ. ނަތީޖާ އަކަށްވަނީ އެ ތަންކޮޅަކުން ލޭ އައުމެވެ. ލޭހޮޅީގެ ތެރެއަށް، ލޭހޮޅީގެ ފާރު ކަނޑައިގެން ގޮސް ލޭ އެޅޭނެއެވެ. އަހަރެމެންގެ އަތް ތަންތަން ކަނޑައިގެން ދިއުމުން ކަން ހިނގާ އުސޫލުންނެވެ. އަދި އެ ކަނޑައިގެންދާ ތަނެއްގައި ލޭ ޖަމާވެ ލޭގަނޑުވާނެއެވެ. އަދި ލޭއައުން މަނާވެދެއެވެ. މިގޮތަށް ލޭއައުން މަނާވެ އެ ތަންކޮޅެއް ފަސޭހަވެގެން ދެއެވެ. ބައެއްފަހަރު ދިމައިވާ ކަމަކީ މިފަދައިން އެތަންކޮޅުގައި ގަނޑުވޭ ހޭކޮޅު، ދައުރުވާ ލޭގެ ޕުރެސަރާއި އެކު ނެެއްޓި، ގަނޑުކޮޅެއްގެ ސިފައިގައި ލޭގެތެރެއިން ދައުރު ކުރެއެވެ. މި ގަނޑު ލޭކޮޅު، ހިތާއި ދިމާލަށް ގޮސް ހިތުގެ މަސްތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިއެއްގައި ޖެހެއެވެ. މިއީ ކުދި ލޭހޮޅިތަކެއް ކަމުން މިފަދަ ގަނޑުކޮޅެއް މި ކުދި ލޭހޮޅިތަކަށް ދިއުމުން އެ ލޭހޮޅިތައް ބެދޭ ގޮތްވެއެވެ. އެހިސާބުން ހިތުގެ މަސްތަކަށް ބޭނުންވާ ކެވެނީގެ މާއްދާތަކާއި އޮކްސިޖަން ލިބުން މަދުވެއެވެ. ނަތީޖާއަކަށް ވަނީ ހިތުގެ މަސްތަކުގެ މަސައްކަތް ދަށްވުމެވެ. ނުވަތަ ހުއްޓުމެވެ. ނުވަތަ މަރުވުމެވެ. މިއީ ހައްތަހާވެސް ހިތުގެ ބަލިތަކެވެ.
މި ބަލާލެވުނީ ކުރުގޮތަކަށް ހަކުރުބަލީގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ މައިގަނޑު އެއް ސަބަބަށެވެ. ހަކުރު ބައްޔަކީ އެހެނިގެން އެތައް އުނދަގޫތަކެއްވެސް ކުރިމަތިވާ ބައްޔެކެވެ. އެހެންކަމުން ހަކުރުބަލިން ރައްކާތެރިވުމަށްޓަކައި ބަރުދަން ލުއިކުރުމާއި އެކު ސިއްހަތަށް ފައިދާހުރި ކާނާ ކެއުން މުހިއްމެވެ. އަދި ހަކުރުބަލި ހުންނަ މީހެއްނަމަ، ގަވައިދުން ބޭސް ބޭނުންކުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.
