ބަނޑުގައި ފާރު ހެދުން ކަމަށް ބުނެވެނީ ގޮހޮރުގެ އެކި ހިސާބުގައި ތަންކޮޅުކޮޅު ހަލާކުވުމަށެވެ. ބައެއް ފަހަރު ބިހި ނަގާހެން ނަގާފައި އެތަން ހަލާކުވެފައިވެސް ހުރެއެވެ. ގޮހޮރުގެ ބައްޔަށް ފަރުވާ ކުރާ ޑޮކްޓަރުންގެ ޖަމްއިއްޔާއަކުން ހާމަ ކުރި ގޮތުގައި މިހެން ބަނޑުގައި ފާރު ހުންނަ މީހަކު ކާކަށް ވަކި ޚާއްސަ އެއްޗެއް ނެތެވެ. ހަމަ އެގޮތަށް ނުކާންވީ ވަކި އެއްޗެއްވެސް ނެތެވެ. ސަބަބަކީ މިހެން ދިމާވަނީ ވަކި އެއްޗެއް ކެއުމުން ނޫން ކަމަށްވާތީ އެވެ. އެހެންކަމުން ވަކި އެއްޗެއް ކައިގެން މި މައްސަލަ އިތުރަށް ގޯހެއްވެސް ނުވާނެއެވެ. ނަމަވެސް އާންމުކޮށް ބަނޑުގައި ފާރު އުފެއްދުމަށް ޒިންމާވާ ބެކްޓީރިޔާ ކަމަށްވާ ހެލިކޮބެކްޓަރ ޕައިލޮރީ އާ ދެކޮޅަށް މަސައްކަތްކުރާނެ ބައެއް ކާ އެއްޗެހި ހުރެއެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ތަކެއްޗަށެވެ.
ހެލިކޮބެކްޓަރ ޕައިލޮރީ ނުވަތަ އެޗް ޕައިލޮރީ އަކީ ބަނޑުގައި ފާރު އުފެއްދުމުގެ މައިގަނޑު ސަބަބު ކަމަށްވުމުން، މި ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތް ކުރަނީ ކޮން ބާވަތްތަކެއްގެ ކާތަކެއްޗެއްތޯ ސައިންޓިސްޓުން ދިރާސާ ކުރެއެވެ. އެހެންކަމުން މި ބައްޔަށް ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުންދާ އިރުވެސް ތިރީގައިވާ ކާތަކެތި ކެއުމުގައި ހިމެނުމުން އެކަމުގެ ފައިދާ ކުރާނެއެވެ. އޭގެ ތެރޭގައި:
ކޯލިފްލާވަރ
ކެބެޖް
ރެޑިޝް
އާފަލު
ބްލޫބެރީ
ރާސްބެރީ
ސްޓްރޯބެރީ
ޗެރީ
ކެރެޓް
ބްރޯކަލީ
ބެލް ޕެޕަރ
ފެހިކަން ގަދަ ފަތް
ޒައިތޫނި ނުވަތަ ގަހުގެ ބާވަތްތަކުން ހެދިފައިވާ ތެޔޮ
ލޮނުމެދު
މާމުއި
ރީނދޫ އަދި
ކެފެން ނުހުންނަ ގްރީން ޓީ ހިމެނެއެވެ.
އެޗް ޕައިލޮރީގެ ސަބަބުން ބަނޑުގައި ފާރު އުފެދޭނަމަ އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައިވާ ތަކެތި ކެއުމުން އޭގެ ފައިދާ ކުރާނެއެވެ.
އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ދިފާޢީ ނިޒާމް ރައްކާތެރިކޮށް އިންފެކްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުގެ ކެންސަރުން ރައްކާތެރިވުމުގައިވެސް އެހީތެރިކަން ލިބޭނެއެވެ. ބްލޫބެރީ، ޗެރީ އަދި ބެލް ޕެޕަރ އަކީ އެންޓިއޮކްސިޑެންޓުން ފުރިގެންވާ ތަކެއްޗެވެ. އަދި ފެހިފަތް ކަމަށްވާ ކޭލް އަދި ސްޕިނަޗް އަކީ ކެލްސިއަމް އަދި ވިޓަމިން ބީ ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީއެވެ. ބްރޮކަލީގައި ހިމެނޭ ސަލްފްރޮފޭން އަކީވެސް އެޗް ޕައިލޮރީ އާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާއެކެވެ. ހަމަ އެގޮތަށް ޒައިތޫނި ތެލުގައި ހިމެނޭ ފެޓީ އެސިޑް، އެޗް ޕައިލޮރީ އިންފެކްޝަނަށް ފަރުވާ ކުރުމުގައި އެހީތެރިވެދެއެވެ. ރީނދުލަކީ ބަނޑުގެ ފާރު ފަސޭހަ ކުރުމުގައި ބޮޑު އެހީތެރިކަމެއް ލިބޭ އެއްޗެއް ކަމަށް ބެލެވޭތީ އެކަމުގެ ގިނަ ދިރާސާތަކެއް އަންނަނީ ކުރެވެމުންނެވެ. ހަމަ ފަދައިން ކެފެއިން ނުހިމެނޭ ގްރީންޓީ އާއި ލޮނުމެދަކީ ވެސް ކެއުމުގައި ހިމެނުން އެދެވިގެންވާ ދެ ބާވަތެވެ.
ކެއުމުން ފައިދާ ކުރާނެ ތަކެތީގެ އިރުޝާދު ދޭ އިރު މި ފަދަ ކަމަކަށް ފަރުވާ ކުރާ އިރު ބައެއް ތަކެތި ކެއިން ބުއިމުން ދުރުހެލިވާންވެސް ޑޮކްޓަރުން ލަފާދެއެވެ. އޭގެ ތެރޭގައި:
ކޮފީ
ޗޮކްލެޓް
ކުޅި ކާތަކެތި
ކެފެއިން
ހުތް ހުންނަ ތަކެތި އަދި
ޓޮމާޓޯ ހިމެނެއެވެ.
މީގެ އިތުރުން ވެސް ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ވެސް މިކަމަށް ލުއި ލިބެއެވެ. އެގޮތުން ކާއިރު މާގިނައިން ނުކެއުމާއި، ނިދުމުގެ 2 ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ކެއުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. ބަނޑުގައި ފާރުހެދުމަކީ ޑޮކްޓަރުންގެ ފުރިހަމަ ބެލުމުގެ ދަށުން ގަވާއިދުން ފަރުވާ ކުރެވޭނަމަ ރަގަޅުވާ ކަމެކެވެ. ކެއުމަށް ގެނެވޭ ބަދަލުތައް ވެސް ޑޮކްޓަރާ ހިއްސާކޮށް އެކަމުގައި ޑޮކްޓަރުގެ ލަފާ އަހަން ވާނެއެވެ. ބަނޑުގައި ފާރުހެދުން ނަމަވެސް ކޮންމެ މީހެއްގެ ވެސް ސިއްޙީ އެހެން މައްސަލަ ކުރެދާނެއެވެ. ބަނޑުގެ ފާރު ރަގަޅު ކުރުމަށް ކެވޭ އެއްޗަކުން އިތުރު ސިއްޙީ މައްސަލައެއް ކުރިމަތި ނުވާނެކަން ޔަގީން ކުރުމަށް ޑޮކްޓަރަށް މި ހުރިހާ މައުލޫމާތު ދޭންވާނެއެވެ.
