ސްކޫލުން ކިޔެވުމުގެ އެންމެ ފަހު އަހަރުތަކުގައި އަބަދު ވެސް އެންމެ ގިނައިން އިވޭ އެއް އަޑަކީ، ތިޔަ ދަރިވަރުންނަކީ މި ސްކޫލުގެ "މޫނު ބަލާ ލޯގަނޑޭ" ބުނާ އަޑެވެ. މާނައަކީ ސްކޫލުގެ ނަން ނުވަތަ، މޫނުމަތިވަނީ ތިޔަ ދަރިވަރުންގެ އަތްމަތީގައޭ ބުނާ ބުނުމެވެ. އެ ނަން ނުވަތަ މޫނުމަތި ތިޔަ ދަރިވަރުން ނެރޭ ނަތީޖާއިން އުޖާލާ ކޮށްދޭށޭ ބުނާ ބުނުމެވެ. އެހެން ނަމަވެސް  އާޚިރުގައި އެ ދަރިވަރުން ނެރޭ ނަތީޖާ ރަނގަޅު ވެގެން ގޮސް ސްކޫލުގެ ނަން އުޖާލާ ވެގެން ދިޔަ ނަމަވެސް އެ ދަރިވަރުން ސްކޫލުން ވަކިވެ ދާން ޖެހޭނީ އެ ދަރިވަރުން ކިޔެވި ސްކޫލާއި ދޭތެރޭ ހިތްބުރަވެ ތިބެއެވެ. މީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެއްގެ ލޮލުގައި އަޅައިގަތް ނަމަވެސް، އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުން ފެންނަމުންދާ މަންޒަރެކެވެ. ހިތާމަވެރި މަންޒަރެކެވެ.

ހުރިހާ ދަރިވަރުން ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ގަދަ ދިހައެއްގެ ތެރޭގައި ނުހިމެނޭނެކަން ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ތެރެއިން ހަމަ ބުއްދި ހުންނަ ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ. ބައެއް ދަރިވަރުން ކިޔެވުމުގައި ކުރިއަރައި ގޮސް ވަނަތައް ހާސިލް ކުރާއިރު، އަނެއްބައި ދަރިވަރުންނަކީ ކިޔެވުމަށް މާ މޮޅު ދަރިވަރުންނަށް ނުވެ ހިނގައިދާނެއެވެ. އެހެން ނަމަވެސް އެ ކުދިންނަކީ ބޭކާރު ނުވަތަ އެއްވެސް އުންމީދެއް ނެތް ދަރިވަރުންގެ ގޮތުގައި ސިފަ ކުރުމަކީ ދެކެދެކެ ގޮސް ބާވެފައިވާ ކަމެކެވެ. އަދިވެސް އެ ކަމަށް ހައްލު ގެނެވިފައި ނުވާ ހިތާމަވެރި ކަމެކެވެ. ކިޔެވުމުގައި މާ މޮޅު ނޫން ދަރިވަރުންނަށް އިތުރު ސަމާލު ކަމެއް ދީ، އެ ކުދިން ކިޔަވަމުންދާ ސްކޫލުތަކުން އެ ކުދިންނަށް ކިޔެވުމުގައި ރަނގަޅު ނަތީޖާއެއް ހާސިލް ކުރުމަށް އެހީތެރިވެދިނުމުގެ ބަދަލުގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މީގެ އިތުރުން ކިޔެވުމުގައި ރަން ވަނަތައް ޙާސިލް ކުރަމުން އައި މޮޅެތި ދަރިވަރުންނާއި ދޭތެރޭ އެ ކުދިންގެ ކިޔެވި މަދަރުސާތަކުން ކަން ކޮށްފައިވާ ގޮތުގެ ސަބަބުން، ކިޔެވުން މަތިން ފޫހިވެ މަގުން ކައްސާލައިގެން ދިޔަ ކުދިން ވެސް ބައިވަރު އެބަތިއްބެވެ.

އެ ގޮތުން އަތޮޅު ތެރޭގެ ސްކޫލުތަކުގައި ބާއްވާ މުބާރާތްތަކުން ވަނަވަނައަށް ގޮސްފައިވާ ދަރިވަރުންނަށް ބާ ޓްރޮފީތައް ދީފައި އެބަހުއްޓެވެ. ވިދިވިދިގެން ވަނަ ހޯދި ނަމަވެސް ކަނޑައެޅިގެން ވަކި ދަރިވަރަކަށް ޓާގެޓް ކުރެވިގެން ކުރިއެރިޔަ ނުދިމަށް ބައެއް ސްކޫލުތަކުން މަސައްކަތް ކޮށްފައި އެބަ ހުއްޓެވެ. ބައެއް ދަރިވަރުންނަށް މަޖުބޫރު ކޮށްގެން އެ ދަރިވަރުން ކިޔަވާ ސްޓްރީމް ނޫން އެހެން ސްޓްރީމްތަކަށް ބަދަލު ކޮށްފައި ވެސް އެބަހުއްޓެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެގެން ކަމަށް ބުނެ ބައެއް ސްކޫލުތަކުގެ ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތައް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ހިންގަމުންދާ އެ ފަދަ ކަންކަމުގެ ޙަޤީޤަތް ސާފުވާ އިރު، އެ ކަންކަމަކީ އެ ފަރާތްތަކުގެ އަމިއްލަ މަންފާއަށް  ކުރާ ކަންތައްތައްކަން ހާމަވާން ވެސް އެބަހުއްޓެވެ. ދަރިވަރުންގެ "ކުރިމަރުވާ ގޮތަށް" ބައެއް ސްކޫލުތަކުގެ އިސް ފަރާތްތަކުން މި ފަދަ ކަންކަން ކުރުމަކީ ދަރިވަރުން ކިޔެވުމާއި ދޭތެރޭ ފޫހިވާން ފެށުމުގެ އަސްލެވެ. މަދު ބައެއްގެ ލޮލުގައި މިކަން އަޅައިގަތް ނަމަވެސް މީ މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކަން ހިންގަމުންދާ ގޮތެވެ.

ގްރޭޑް 10 ގެ ކިޔެވުން ނިންމުމަށް ފަހު، އޭލެވެލް ނުކިޔަވާ،، އެކިއެކި ދާއިރާތަކުން ކޯސް ހަދަމުންދާ ދަރިވަރުން މި މުޖުތަމަޢުގައި ވަރަށް ގިނައެވެ. މި ހިސާބުން ވެސް އެ ދަރިވަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވާ ބަޔަކު ބައެއް ސްކޫލުތަކުގެ އިސްވެރިންނަށް މިއަދު އެބަތިއްބެވެ. 10 އަހަރުގެ ކިޔެވުން ނިންމުމަށް ފަހު ސްކޫލުގެ ލީވިންގ ސެޓްފިކެޓަށް އެދުމުން، އެ ސެޓްފިކެޓް ނުދީ ތިން މަސްވާންދެން ހިފަހައްޓާލި ބަޔަކު ވެސް މި ދެންވެނި އިސްވެރިންގެ ތެރޭގައި އެބަ ތިއްބެވެ. ނަތީޖާއެއްގެ ގޮތުން އިތުރަށް ތަޢުލީމު ޙާސިލް ކުރުމަށް ކޮލެޖްތަކަށް ވެސް ނުވަދެވި، އެ ދަރިވަރުންނަށް ގެއްލިގެން ދިޔައީ ބޭކާރު ދުވަސްތަކެކެވެ. މި ފަދަ ކަންތައްތަކަށް ފަހު އުނގެނުނު ސްކޫލާއި ދޭތެރޭ ނަފްރަތު އުފެދި ކިޔެވުމާއި ދޭތެރޭ އެ ދަރިވަރުން އިތުރަށް ފޫހި ވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގާރަ ބާރަ ކިޔެވުމަށް ސްކޫލުގައި މަޑު ނުކުރުމުން ދަރިވަރުންނަށް އެ ފަދަ ފިއްތުންތައް ކުރިމަތި ކުރުވަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. އެހެން ކަމުން މިއަދު ވެސް އެ ދަރިވަރުން އެ ތިބީ ތަޢުލީމުގެ ބޮޑު ބައި ޙާސިލް ކުރި އަމިއްލަ ސްކޫލަށް ނަފްރަތު ކޮށްގެންނެވެ.

މީގެ ބަދަލުގައި ކޮންމެ ދަރިވަރަކީ ވެސް އެ ދަރިވަރެއްގެ އަމިއްލަ ޒާތުގައި މުހިންމު ދަރިވަރެއް ކަމަށް ސްކޫލްތަކުން ދެކި، ވަކިވަކި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވޭނަމަ، ހަމަ ގައިމުވެސް ނުކުންނާނީ މާ ރަނގަޅު ނަތީޖާއެކެވެ. ބައެއް ދަރިވަރުން ކުރި އަރާފާނެތީ ސްކޫލުތަކުގެ އިސްވެރިން ކަންބޮޑުނުވެ، އެ ކުދިންނާއި ހަނގުރާމަ ނުކުރާނަމަ، މިއަދު އެ ދަރިވަރުން ތިބޭނީ މިހާރަށް ވުރެ ބޮޑު ތަނުން ރަނގަޅު ހިސާބުތަކުގައެވެ. ދަރިވަރުންނަށް އެ ފަދަ ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް ހިތްވަރާއި އެކު މަސައްކަތް ކޮށްފިނަމަ، ލަނޑުދަނޑިއާ ހަމަޔަށް ވާސިލް ވެވޭނެކަން ހަމަ ޔަޤީނެވެ. ބުރަކަށީގައި އެހެން ގުންފައި ޖަހާފައި ވައްޓާލިޔަސް، އަނެއްކާ އަލުން ތެދުވެ މިސްރާބަށް ބަހައްޓައިގެން ދުވެފައި ކުރިއަށް ދާނަމަ، ދަރިވަރުން އެފަދަ ފިއްތުންތަކަށް ނުގުޑާނެކަން ހަމަ ޔަޤީނެވެ. ހުރިހާ ސްކޫލެއްގެ އިސްވެރިން ވެސް ތަފާތު ކުރުމެއް ނުވަތަ ވަކި ކުއްޖަކާއި ދޭތެރޭ ޒާތީ ކަމެއް ބެހެއްޓުމެއް ނެތި އެ ކުދީންގެ ކުރިއެރުމަށް މަގު ކޮށައި ދިނުމަކީ ޤައުމަށް ވެސް އެންމެ ފައިދާވާނެ ގޮތްކަން ޔަޤީނެވެ. އެ ކުދީންގެ ކުރިމަރައިލުމުގެ ބަދަލުގައި އެ ކުދިން ކުރިއެރިޔަ ދޭށެވެ.