ދިއްގަރު އުތުރު އަވަށު ޖަމިއްޔާ ނުވަތަ ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން (އެކުވެރި ގުޅުމަކީ) ރަން ތާރީޚެއް އޮތް ޖަމިއްޔާއެކެވެ. މި ރަން ތާރީޚު ފެށުނީ 1970ގެ އަހަރުތަކުގެ ވެސް ކުރިންނެވެ. އޭރުއް ސުރެން އެކިއެކި ކްލަބްތަކުގެ ނަންނަމުގައްޔާއި، އެކި ޖަމިއްޔާތަކުގެ ނަންނަމުގައި އުތުރު އަވަށުގެ ޒުވާނުން ޙަރަކާތްތެރިވިއެވެ. މި ގޮތުން އުތުރު އަވަށަށް ނިސްބަތްކޮށް އެންމެ ފުރަތަމަ އުފެއްދީ ރާނީ ކްލަބެވެ. އޭގެ ފަހުން ލީޑްސް ކްލަބެއް އުފައްދައި، އަދި ފަހުން ނިއުލީޑްސް ކްލަބެއް ވެސް އުފެއްދިއެވެ. އަދި އެސޯސިއޭޝަން ފޯ ދިއްގަރު ޑިވަލޮޕްމެންޓް (އޭޑީޑީ) އޭގެ ފަހުން އުފައްދައި، އެއަށް ފަހު ދިއްގަރު އައިލެންޑް ޑިވަލޮޕްމެންޓް ސޮސައިޓީ (ޑީއައިޑީއެސް)ގެ ނަމުގައި ވެސް އުތުރު އަވަށު ޖަމިއްޔާ ޙަރަކާތްތެރިވިއެވެ. މި އަށް ފަހު ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމަށް ޖަމިއްޔާގެ ނަން ބަދަލުކޮށް، މިއަދާ ހަމަޔަށް ވެސް ދިއްގަރު އުތުރު އަވަށު ޖަމިއްޔާ ޙަރކާތްތެރިވަނީ މި ނަމުގައެވެ.
އެކިއެކި ނަންނަމުގައި ދިއްގަރު އެކުވެރި ގުޅުން ޙަރަކާތްތެރިވެފައި އޮތް ނަމަވެސް، އަބަދު ވެސް ޖަމިއްޔާގައި ޙަރަކާތްތެރިވީ ހަމަ އެއް ބައެކެވެ. ދިއްގަރު އުތުރު އަވަށަށް ނިސްބަތްވާ އާއިލާތަކުގެ ހަރުމީހުންނާ ޒުވާނުންނެވެ. އިއްޔެގެ ޅަ ކުދިން މިއަދުގެ ޒުވާނުންގެ ގޮތުގައެވެ.
ރާނީ ކްލަބުން ފެށިގެން ނިއުލީޑްސް ކްލަބާއި ހަމަޔަށް، ވެސް ދިރުވަމުން ނުވަތަ ކުރިއަރުވަމުން އައިސްފައިވާ މައިގަނޑު ސަޤާފަތަކީ ތާރަޖެހުމެވެ.
އެ ދުވަސްވަރުގެ މައިގަނޑު ސަޤާފަތެއްގެ ގޮތުގައި ވައްޖުއްދުވުން ނުވަތަ ތާރަޖެހުން އޮތެއް ކަމަކު، ދަފި ނެގުމާއި، ނަގިލި ނެގުމާއި، މަގުމަތީ ލަނގެރީގެ ޙަރަކާތްތައް ކޮންމެ އަހަރު ވެސް ދޭތެރެދޭތެރޭން އައީ ދައްކާލަމުންނެވެ. މައިގަނޑު ސަޤާފަތެއްގެ ގޮތުގައި އޮތް ތާރައިގެ ކުޅިތައް ބަލާލުމަށް ކޮންމެ އަހަރެއްގެ އަޟްޙާ ޢީދާ ދިމާކޮށް، ރަށްރަށުން ދިއްގަރު އެކުވެރި ގުޅުމަށް ދަޢުވަތުދޭނެއެވެ. ދަޢުވަތު ދޭ ރަށްތަކަށް ގޮސް، ތާރައިގެ ކުޅިތައް އެރަށެއްގެ ރައްޔިތުންނަށް ދައްކާލާނެއެވެ. ތާރައިގެ ޙަރަކާތްތައް ދައްކާލުމަށް ކޮންމެ އަހަރެއްގެ އަޟްޙާ ޢީދާ ދިމާކޮށް ދަޢުވަތު ލިބޭތީ، ޢީދަށްވާ އިރަށް ތާރަ ފަރިތަކުރުން ފޯރިއާ އެކު ކުރިޔަށް ގެންދެއެވެ.
ކުރީއް ސުރެން ޖަހަމުން އައި މަގުމަތީ ލަނގެރި ޒަމާނީ ލަނގެރިއަށް ބަދަލުކުރީ 80'ގެ އަހަރުތަކުގައި ދިއްގަރު އުތުރު އަވަށު ޖަމިއްޔާގެ ޙަރަކާތްތައް ހިންގަވަން ތިއްބެވި މޭސްތިރިންނެވެ. މަގުމަތީ ލަނގެރި ޒަމާނީ ލަނގެރިއަށް ބަދަލު ކުރީ އެ ޒަމާނަށް ފެތޭ ކަހަލަ، އެހެން ނަމަވެސް އޭގެ މުޑުވައް ނުގެއްލޭ ފަދަ ގޮތަކަށެވެ. ލަނގެރި ކުޅިތަކާއި، ބެރުގެ ހަމަތަކުގެ އިތުރުން ފުނައަށް ވެސް ބަދަލު ގެނެސްގެންނެވެ.
އެހެން ކަމުން ޒަމާނީ ލަނގެރި އުފެދިގެން އައީ ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުންނޭ ދެންނެވެން އެބަ އޮތެވެ. ޒަމާނީ ލަނގެރީގައި ޖަހާ ބެރުގެ ހަމަތަކާ، ކުޅިތަކެއް ވެސް ހުރެއެވެ. މިއީ ސީދާ ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ އުފެއްދުމެކެވެ. ޒަމާނީ ލަނގެރީގެ ހަމަތަކަކީ، ލަނގެރި ހަމައާއި ހަރުބީ ހަމައިގެ އިތުރުން ތާރަހަމެއެވެ. އަދި އޭގެ ފަހުން ސީދާ ވަކި ލަވަޔަކަށް އުދެއްދި ހަމައެއް ވެސް އޮވެއެވެ. މި ހަމަޔަށް ނަންދީފައި ވެސް ވަނީ މި ދަންނަވާ ލަވައިގެ ނަމުންނެވެ. އެއީ ވެދާނޭތޯ ހަމައެވެ.
ޒަމާނީ ލަނގެރީގެ ކުޅިތަކުގެ ތެރޭގައި، ކުރުދަނޑި، ކަކޫފުރޮޅި، ތާރަކުޅި، އަތްޖަހާކުޅި ހިމެނެއެވެ.
ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ޒަމާނީ ލަނގެރި އެންމެ ފުރަތަމަ ދައްކާލީ 1980ގެ ކުރީކޮޅުގެ އަހަރުތަކުގައި އަޟްޙާ ޢީދަކަށް ތާރަޖެހުމަށް ދ. ކުޑަހުވަދޫއަށް ދިޔަ ދަތުރެއްގައެވެ. އެ ދަތުރަށް ތައްޔާރުވީ އިރު، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން އޮތީ ޒަމާނީ ލަނގެރި ފަރިތަކޮށްފައެވެ. ޒަމާނީ ލަނގެރީގައި ހުންނަ އުނދަގޫ ކުޅިތައް ފަރިތަ ކުރީ ކުޑަހުވަދޫގެ ވަލުތެރޭގައެވެ.
އެ ދަތުރަކީ ތާރަޖެހުމަށް ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމަށް ދަޢުވަތު ދިން ދަތުރެއް ނަމަވެސް، އެ ދަތުރުގައި އެންމެ ފުރަތަމަ ފަހަރަށް މި ޖަމިއްޔާގެ ޒަމާނީ ލަނގެރި ދައްކާލިއެވެ. އެއަށް ފަހު ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ޒަމާނީ ލަނގެރި މަޝްހޫރުވެގެން ދިޔައެވެ.

މިއަދާ ހަމަޔަށް ވެސް ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން ލަނގެރީގެ ކުޅިވަރު ކުޅެމުން އަންނަނީ ޒަމާނީ ލަނގެރީގެ މޭސްތިރިން މި ކުޅިވަރު ޒަމާނީ ކުރެއްވި ގޮތަށެވެ. މިއަދާ ހަމަޔަށް އައި އިރު ވެސް، އެއް އާއިލެއްގެ ތެރެއިން ކަމެއް ވާރުތަ ކުރާ އުސޫލުން ދިއްގަރު އުތުރު އަވަށު ޖަމިއްޔާ ނުވަތަ އެކުވެރި ގުޅުމުގައި ލަނގެރި ޖަހަން ތިބީ އުތުރު އަވަށަށް ނިސްބަތްވާ ޒުވާނުންނެވެ. މިހާރު ވެސް ހަމަ ކޮންމެ އަހަރަކުމެ، އަޟްޙާ ޢީދަށް އެކިއެކި ރަށްރަށުން ދޭ ދަޢުވަތުތަކަށް ލަނގެރި ޖެހުމަށް ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން ދެއެވެ.
މީގެ އިތުރުން 1988ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ރުއިޖީ ޖަންގް ރާއްޖެއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ދެއްވި ދަޢުވަތަކަށް ޒަމާނީ ލަނގެރީގެ ކުޅިވަރުތައް މާލޭގައި ދައްކާލާފައެވެ. މީގެ ފަހުން ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)އިން ވެސް ވަނީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ލަނގެރިއާ ބެހޭ ޑޮކިއުމެންޓަރީތަކެއް ވެސް ތައްޔާރުކޮށްފައެވެ. އަދި 2009ވަނަ އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ނަޝީދުގެ ސަރުކާރުން އެކުވެރި ގުޅުމަށް ދެއްވި ޚާއްސަ ދަޢުވަތަށް، މާލޭގެ ރަސްމީ ފާލަން ކުރިމަތީގައި ވެސް ލަނގެރީގެ ޙަރަކާތްތައް ދައްކާލާފައިވެއެވެ.
ދިއްގަރު އެކުވެރި ޒުވާނުން ގުޅުމުން ދެއްކި ޒަމާނީ ލަނގެރި ކުރިއަރައި، އިހުގައި އެންމެ އިސްކަން ދިން ތާރައަށް އޮތް ޝައުޤުވެރިކަން ކުޑަވެގެންދިޔައެވެ. އެ އާ އެކު އެހެން ރަށްރަށުން ވެސް ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ޒަމާނީ ލަނގެރި ނަކަލު ކުރަންފެށިއެވެ. މިހެން ދެންނެވޭ ސަބަބަކަށްވަނީ ޒަމާނީ ލަނގެރީގައި ޖަހާ ބެރުގެ ހަމަތަކާއި، ކުޅިތަކަކީ މި ޖަމިއްޔާގެ ރަން ޒަމާނުގައި ޖަމިއްޔާ ހިންގަވަން ތިއްބެވި މޭސްތިރިން ފަރުމާކުރެއްވި ކުޅިވަރަކަށްވާތީއެވެ.

އެހެން ނަމަވެސް މި ކަމާ މެދު އެކުވެރި ޒުވާނުންގެ ގުޅުމުން ދެކެނީ އެހެން ބަޔަކު މި ކުޅިވަރު ނަކަލު ކުރުމަކީ ރަނގަޅު ހިސާބަކަށް މި ކުޅިވަރު ކުރިއަރާ ގޮސްފައިވާ ކަމުގެ ހެއްކެއް ކަމުގައެވެ.
އެންމެ އިސްކަމެއް ދީގެން މި ޖަމިއްޔާއިން ކުރަމުން އަންނަ އެއް މަސައްކަތަކީ ޒުވާނުންނަށް ޒަމާނީ ލަނގެރި ދަސްކޮށްދިނުމެވެ. ދިއްގަރު އުތުރު އަވަށަށް ނިސްބަތްވާ ޒަމާނީ ލަނގެރި އުވިގެން ދިޔަ ނުދީ، ދިރުވައި އާލާކުރުމެވެ.