މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ގަސްހެއްދުމަކީ ވަރަށްގިނަ މީހުން ފޫހިފިލުވާލުމަށްޓަކައި ކުރަމުން އަންނަ ކަމެކެވެ. އެއްބަޔަކު ބުނާ ގޮތުގައި ގުދުރަތީ ފެހިކަންގަދަ ގަސްތައް ގޭތެރެއިން ފެނުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ޙާއްސަކޮށް ގިނަވަގުތު ގޭގައި ތިބޭ މީހުންނަށް ކޮށްލަން ވަރަށް ފަސޭހަކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ތިމާ އުޅޭ މާހައުލުގައި ފެހިކަން ގަދަ ގަސްތައް ހުރުމުގެ ސަބަބުން ހާސްކަންފިލާ އުފާވެރި މީހެއް ގޮތުގައި ދުވަސް ހޭދަ ކޮށްލެވެއެވެ. އެހެންނަމަވެސް މިކަންކުރަންޖެހޭ ގޮތަށް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންބާއެވެ.

ގަސްހެއްދުމަކީ އެކަމުގެ ޢިލްމު ލިބިގެން ކުރާނަމަ ވަރަށް ހިތްގައިމުކޮށް ކުރެވޭނެ ކަމެކެވެ. އެގޮތުން ގަހަށް އިރުގެ އައްޔާ ހިޔާ ބޭނުންވާ މިންވަރު އެނގުމަކީ މުހިންމު ކަމެކެވެ. ގަސް ހައްދާ ބައެއް ފަރާތްތަކުން މިފަދަ މަޢުލޫމާތު ނޭގި ހުރުމުގެ ސަބަބުން ގަސް ހެދިބޮޑުވުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އެގޮތުން ކިތަންމެ ވަރަކަށް ގަހަށް ފެންދީ ކާނާ ދިންކަމުގައިވިޔަސް އެއަށް ބޭނުންވާ އަވި ނުވަތަ ހިޔާ ނުލިބުމުގެ ގަސް މަރުވުން ނުވަތަ ބަލިވުން ފަދަ ކަންތައް ކުރިމަތިވެއެވެ. އެހެންކަމުން ގަސްހައްދާ ފަރާތްތަކުން މިކަންކަމަށް އިސްކަންދިނުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. އެގޮތުން ގަހަށް ލޯބިކުރާ ފަރާތްތަކުން އިރުގެ އައްޔާއި ހިޔާ ގަސްތަކަށް ބޭނުންވާ މިންވަރު މިލިޔުން ކިޔާލުމުން ކޮންމެވެސް ވަރަކަށް ފަހުމްވާނެއެވެ.

ގަހަށް އިރުގެ އަލި ބޭނުންވާ މިންވަރު

އިންސާނުންނަށް އިރުގެ އަލި ބޭނުންވާ މިންވަރާއި ގަސްގަހާއިގެއްސަށް އިރުގެ އަލި ބޭނުންވާ މިންވަރު ވަރަށް ތަފާތުވާނެއެވެ. އެގޮތުން ގަހަށް އިރުގެ އަލި ދުވާލެއްގެ މައްޗަށް ލިބެންޖެހޭ ވަގުތުތަކާއި މިންވަރު ތަފާތުވާނެއެވެ. ބައެއް ގަސްތަކަށް ދުވާލެއްގެ މައްޗަށް ހަތަރުގަޑިއިރުގެ އަލި ބޭނުންވާއިރު އަނެއްބައި ގަސްތަކަށް ދެގަޑިއިރުގެ އަވިން ފުދެއެވެ. އެގޮތުން ގަސް ހެދިފައި ހުރި މާހައުލާއި، މޫސުމާއި ގަހަށް އަލި ބޭނުންވާ ވަގުތުތައް އެގުން ވަރަށް މުހިންމެވެ.

އަވި ބޭނުންވާ ވަގުތު: ހެނދުނުގެ ވަގުތުތަކުގައާއި މެންދުރުފަހުގެ ވަގުތުތަކުގައި އިރުގެ ދޯދިތައް ދުނިޔެއަށް އެޅިފައިވާ މިންވަރު ދަށްވާނެއެވެ. މިވަގުތުތަކުގެ އިރުގެ އަލި މަޑުވެ ހޫނުކަން ކުޑަވާނެއެވެ. އަދި ހެނދުނު އެގާރައިން ފެށިގެން މެންދުރުފަހު ތިނެއް ޖަހަންދެން އިރުގެ އަވި އެންމެ ބާރުވެ ހޫނުކަން ގަދަވާނެއެވެ. އެހެންކަމުން މިގަޑީގައި ގަސްތައް އިރުގެ އައްޔާއި ދިމާވާ ގޮތަށް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި ވީހާވެސް ބޮޑަށް މިގަޑީގެ ހޫނުން ގަސް ރައްކާތެރިކުރަން ވާނެއެވެ. ނަމަވެސް ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގަސްތަކަށް އިރުގެ އަލި ލިބުމަކީ ގަސްހެދިބޮޑުވުމަށް މުހިންމު ކަމެކެވެ.

އެކަށީގެންވާ އަވި ނުވަތަ ހިޔާ

ހުރިހާ ބާވަތެއްގެ ގަސްގަހާއިގެހިވެސް ހެދިބޮޑުވުމަށާއި އެއަށް ބޭނުންވާ މާ އުފެއްދުމަށްޓަކައި ބޭނުންވާ ހަކަތަ ހޯދުމަށް އިރުގެ އަލި ބޭނުންވެއެވެ. ނަމަވެސް އެކިގަސްގަހަށް އިރުގެ އައްޔާއި ހިޔާ ބޭނުންވާ މިންވަރު ތަފާތުވާނެއެވެ. އެގޮތުން ގަހަށް ބަލާލުމުން އެގަހަކަށް ބޭނުންވާ މިންވަރަށް އިރުގެ އަލި ނުލިބޭކަން ނުވަތަ މާގިނައިރު އަވީގައި ބެހެއްޓިފައިވާކަން ތިރީގައި މިދަންނަވާ ކަންކަމުން އެގޭނެއެވެ.

މާގިނައިން އިރުގެ އަލި ލިބުން: އިންސާނުންގެ ތެރެއިންވެސް ހަމުގެ ކުލަ އަލި މީހުން ގިނަވަގުތު އަވީގައި އުޅެފިނަމަ ފަސޭހައިން ކުލަބަދަލުވެއެވެ. ހަމައެގޮތަށް ގަސްތަކަށްވެސް މާގިނައިން އަވިދީފިނަމަ އޭގެ ފަތްތަކާއި މަލުގެ ކުލަ ބަދަލުވާން ފަށައެވެ. އަދި ފަތްތަކުގެ ކައިރިފަށް އޮޅި މުށިކުލައަށް ބަދަލުއެވެ. އެހެންކަމުން މިދެންނެވުނު ކަންތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ މާބޮޑަށް ގަހަށް ހޫނުވީ ކަމުގައި ބަލާށެވެ.

ބޭނުންވާ ވަރަށް އަވި ނުލިބުން ނުވަތަ މާގިނައިން ހިޔާލިބުން: ގަހަށް ބޭނުންވާ އަލި އެންމެ އެދެވޭ ގޮތެއްގައި ނުލިބޭކަން އެންމެ ބޮޑަށް ދޭހަވާނީ ގަހަށް އަންނަ ބަދަލުންނެވެ. އެގޮތުން އާދައިގެ އެހެން ގަސްތަކަށްވުރެ ގަސް ކުރުވުން ނުވަތަ ހެދިބޮޑުވުމުގައި ލަސްކަމެއް އުޅުން، ގަހުގެ ފެހިކަން މަޑުވެ ހުދުވުން، މާއަޅާ މިންވަރު މަދުވުން ނުވަތަ އެއްވެސް ވަރަކަށް މާނޭޅުން ފަދަ ކަންކަމަކީ އެކަށީގެންވާ އަލި ގަހަށް ނުލިބޭ ކަމުގެ ހެއްކެކެވެ. އަދި މިފަދަ ގަސްތަކަށް ފަސޭހައިން ބަލިޖެހި އަވަހަށް މަރުވުމަކީ ވެސް ގާތް ކަމެކެވެ.

ގަސް ހައްދާ މީހެއްގެ ހައިސިއްޔަތުން ގަހަށް އެކަށީގެންވާ އިރުގެ އަލި ނުލިބޭހެން ހީވާނަމަ މިދަންނަވާ ކަންތައްތައް ކޮއްލާށެވެ. އެގޮތުން އެކަށީގެންނުވާ ވަރަށް ބޮޑު ނުވާނަމަ ގަސް ހުރިތަނުން އެހެންތަނަކަށް ބަދަލު ކޮށްލާށެވެ. ނުވަތަ ހިޔާ ލިބޭގޮތައް ދިގު ގަހެއްގެ ކައިރީގައި ގަސް ބަހައްޓާށެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ގަސްހެއްޓުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންވީ ތިމާ ގަސްހެއްދުމަށް ބޭނުން ކުރާ ސަރަހައްދަށް އިރު އައްޔާއި ހިޔާ ލިއްބައިދޭ މިންވަރު ދެނެގަތުމަށެވެ. މިކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ ސިއްހަތު ރަނގަޅު ރީތި ގަސް ހުރި ބަގީއްޗާއެއްގެ ވެރިޔަކަށް ވެވިދާނެއެވެ.