އިންޑިޔާގެ މަޝްޙޫރު ފިލްމީތަރި ތާޕްސީ ޕަންނޫ ރާއްޖޭގައި ކުޅެފައިވާ ލަވަޔަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑިވުސް ގައި ޗުއްޓީ ހޭދަކުރަމުންދާ ތާޕްސީ އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއެކު ހޮލިޑޭފަންގެ ގޮތުގައި ޝޫޓްކޮށްފައިވާ މިކުރު ވީޑިއޯކްލިޕްގައި ފެނިގެންދަނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އުޅުނު މަޖާ އެކިކަންތަކުގެ މަންޒަރުތަކެވެ. އިންސްޓަގްރާމްގައި ބިގިނިޝޫޓް ވިތް ޕަންނޫސް ހޭޝްޓެގް ކޮށްފައިވާ މިޝޫޓްގައި ތާޕްސީ އާއިއެކު އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ޝަގުން ޕަންނޫ އަދި ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ އިވާނީޕަންނޫ ބައިވެރިވެފައިވެއެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޑައިރެކްޓަރ އަކްޝޭ ކުމާރުގެ ފިލްމު "ބްލޫ"ގެ މެއިން ސްޓްރީމް ލަވަ "ޗިގިވިގި"ގެ ރާގަށް ޝޫޓްކޮށްފައިވާ ތާޕްސީގެ މިލަވައަށް މަޝްހޫރު އެތައް ތަރިންނެއް ކޮމެންޓްކޮށް ރިއެކްޓް ކޮށްފައިވެއެވެ. މީގެ އިތުރުންވެސް އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އެކިއެކި މަންޒަރުތަކާއި ވީޑިއޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައިވެއެވެ.
ޢުމުރުން 33އަހަރުގެ ތާޕްސީ ޕަންނޫ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ތާޕްސީގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ތަރިން ދަނީ ރާއްޖެ ޒިޔާރަތް ކުރަމުންނެވެ. 2020ވަނަ އަހަރަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް ގެނުވި އަހަރެއް ކަމުން ރާއްޖެއިން އަންނަނީ އެކިގޮތްގޮތުން މިއަޑިގަނޑުން އަރައިގަނެވޭތޯ މަސައްކަތް ކުރަމުންނެވެ.
