ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި އެވެ.

މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.

ޢާއިޝަތު ނޫރައްދީން (ޑެޕިއުޓީ ސީއީއޯ)، ފާތިމަތު މަނިކެ (ޑިވެލޮޕްމަންޓް ބޭންކިންގ ޑައިރެކްޓަރ) އަދި މޫސާ މުޙައްމަދު (ސީނިއަރ ފެސިލިޓީސް އޮފިސަރ) އަށް ވަނީ ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑެއް ދީފަ އެވެ. މި ހަފްލާގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ފިރާޤް އަހުމަދު (ސީނިއަރ ރީކޮންސިލިއޭޝަން އޮފިސަރ) އަށްވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

ދަރުބާރުގޭގައި ބޭއްވުނު މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފަ އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކާރލް ސްޓުމްކަ ވިދާޅުވީ މި ގައުމުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތައް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދާއިރާގައި ތިޔަ ބޭފުޅުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް ކަމަށެވެ. 

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުން ނެވެ.