ކޯވިޑް-19ގެ ހާލަތުގައި ކުރިމަތިވި އިޤުތިޞާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު ޕްރައިވެޓް ސެކްޓަރ އިންވެސް ކުރި މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިޤުތިޞާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރއިން ދެއްވި އެއްބާރުލުން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެޤައުމެއްގެ އިޤުތިޞާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅިން ޕްރައިވެޓް ސެކްޓަރގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު އެއް ސިނާޢަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިޤުތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ. މިގޮތުން ކޯވިޑް-19ގެ ޙާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

މިހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ޙަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ޞާލިޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ.

މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.