ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) 72 އަހަރުގައި އަވަހާރަވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. އަދި އަވަހާރަވީ އިންޑިއާ ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަވަހާރަވިއިރު، ތިން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފަ އެވެ.

ރާއްޖޭގެ އިންފޮމޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވެސް ވެއެވެ.

އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.

މި އެވޯޑު އަރުވާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގަ އެވެ.