މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިޔާ ޓީމެެއް ފެމިލިރައިޒޭޝަން ދަތުރެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ނޯޑީކް މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް، ހާއްސަކޮށް ލަގްޒަރީ އަދި ގެސްޓްރޮނޮމީ ސެގްމަންޓު އިތުރަށް އިޝްތިހާރުކުރުމުގެ މަގުސަދުގައި މި ޓީމު ރާއްޖެ އައިސްފައިވަނީ ނޮވެންބަރު 25 ވަނަ ދުވަހު އެވެ. އަދި ޑިސެންބަރު 1 ވަނަ ދުވަހުގެ ނިޔަލަށް މި ޓީމުން ރާއްޖޭގައި ތިބޭނެ އެވެ.
ނޯޑިކް މާކެޓުގެ ތަފާތު ސެގްމަންޓްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތައް ކަމަށްވާ ސޮންޑަގް, ވެގަބޮންޑް ރެއިސެލިސްޓް، ޑަގްބްލެޑެނެސް ބިއުރޯ އަދި ޑަގްބްލެޑެނެސް ބިއުރޯގެ ޖާނަލިސްޓުންނާއި ބްލޮގަރސް މި ފެމިލިއަލައިޒޭޝަން ދަތުރުގައި ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި ގޭސްޓްރޮނޮމީ، ވެލްނެސް، އަދި ވޯޓާ ސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް ނޯޑިކް މާކެޓަށް ދައްކާލާނެ އެވެ. އަދި މި ދަތުރުގެ ސަބަބުން ރާއްޖެއަށްފުޅާ ދާއިރާއެއްގެ ކަވަރޭޖެއް ލިބިގެންދާނެ އެވެ.
ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި 'ވަން އައިލެންޑް ވަން ރިޒޯޓު' ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ އެއް މަންޒިލްކަން ވެސް މި ފެމިލިއަރައިޒޭޝަން ދަތުރުގެ ޒަރިއްޔާއިން މާކެޓްކުރާނެ އެވެ.
މި ދަތުރުގައި އައި ނޯޑިކް މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސަން ސިޔާމް އިރުވެލި، ފެއަރމައުންޓް މޯލްޑިވްސް ސިއްރު ފެންފުށި އަދި ލެ މެރީޑިއަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާ ގަ އެވެ. މި ޓީމުން މި ރިޒޯޓުތަކުގެ ހައި-އެންޑް އެޑްވެންޗާރތަކާއި، ދުނިޔޭގެ ފެންވަރުގައި މަޤުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މެހްމާންދާރީ އާއި ތަފާތު ކެއުންތައް ތަޖުރިބާކުރަމުން ދެއެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީއިން ނޮވެންބަރު 14ގެ ނިޔަލަށް މި މާކެޓުން ރާއްޖެއަށް ވަނީ 29,666 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެމްއެމްޕީއާރުސީއިން ދަނީ ނޯޑިކް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުން ނެވެ. ބްލިކްސެން ޓުއަރސް އާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިނާއި ނޯޑިކް މާކެޓަށް އަމާޒުކޮށް ބޭއްވި ޓްރެވެލް ޓްރޭޑް ވެބިނާ މި ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވެ އެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް އޮތްތަނުގައި އިތުރު ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ބްރޯޑްކާސްޓިންގ ޕާޓްނަޝިޕް, އައުޓްޑޯ ކެމްޕެއިން, ޕްރިންޓް މީޑިޔާ ކެމްޕެއިން އަދި އެހެނިހެން އެކި ހަރަކާތްތައް ރާވާފައި ވެއެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފަ އެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފަ އެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާ ފައެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ.
މީގެ އިތުރުން ވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިއަހަރު އެމްއެމްޕީއާރުސީއިން ވަނީ 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު'ގެ ލަޤަބުވެސް ހާސިލްކޮށްފަ އެވެ.
