ފެނަކީ އިންސާނާގެ ދިރިހުރުމަށް އަސާސީ މާއްދާއެކެވެ. އިންސާނާގެ ހަށިގަނޑުގެ 60 އިންސައްތަ އަކީ ފެނެވެ. ހަށިގަނޑުގައި ފެން ހުންނަނީ އެކި ގޮތް ގޮތަށެވެ. އޭގެ ތެރެއިން ބޮޑުބައެއް އަދާކުރަނީ ލޭގައި ހުންނަ ފެނުގެ މިންވަރެވެ. އެވްރެޖު އިންސާނަކު 24 ގަޑިއިރު ތެރޭގައި ބޯން ޖެހޭ ފެނުގެ މިންވަރު އެކި ތަންތާ އެކި މިންވަރަށް ލިޔެފައި ހުރެއެވެ. އެހެންކަމުން ސީދާ ސާފު ޖަވާބެއް މިއަކަށް ނެތެވެ. އެހެނަސް ގަބޫލު ކުރަންޖެހޭ ކަމަކީ ފެން ބޮއުން މަދުކޮށްގެން ނުވާނޭކަމެވެ. އާދަވެ އާންމުކޮށް އިވޭ ނަސޭހަތަކީ މަދުވެގެން 12 ތަށި ފެން ބޯން ޖެހޭނޭ ވާހަކައެވެ. ތަށީގެ ބޮޑުމިނާއި ކުޑަމިން ވަޒަން ކުރުމުގައި ބަލަންވާނީ މެދު ސައިޒުގެ ތައްޓަކަށެވެ.

މި ލިޔުމުގައި މި ބަލާލަނީ ފެނުން ލިބޭ ބައެއް ސިއްހީ ފައިދާތަކަށެވެ. ފެނުގެ މައިގަނޑު ދައުރަކީ މީހާގެ "ހައިޑްރޭޝަން" ހިފެހެއްޓުމެވެ. މިފަދައިން މިކަން ކުރެވޭނަމަ، ލޭގެ އޮލަމިން އެއްވަރެއްގައި ހިފެހެއްޓޭނެއެވެ. ލޭގެ މިންވަރުވެސް އެއްވަރެއްގައި ހިފެހެއްޓޭނެއެވެ. ސިކުނޑީގެ ތާޒާކަން އިތުރުކޮށްދޭނެއެވެ. ހަންގަނޑުގެ ތެތްކަން އިތުރުކޮށްދޭނެއެވެ. ގުރުދާގެ މަސައްކަތް ފަހިކޮށްދޭނެއެވެ. ހަށިގަނޑުގައި ވަރު ޖައްސައިދޭނެއެވެ. އެހެންކަމުން ފެން ބުއިމަކީ ދުވަހުގެ މަސައްކަތްތަކުގައި ވަރުބަލިކަން އިހުސާސްވުން ކުޑަކޮށްދީ މީހާގެ ގައިގާ ވަރު ޖައްސުވާ ކަމެކެވެ. އަދި ސިކުނޑީގެ ތާޒާކަން އިތުރުވުމާއި އެކު ވިސްނުމުގެ ބާރާއި ދަސްކުރުމުގެ ގާބިލުކަން އިތުރަށް ފަހިވެގެން ދިއުމަކީވެސް ފެނުގެ ސަބަބުން ލިބިދާ ފައިދާއެކެވެ.

އިސްވެ ދެންނެވިހެން ފެނުގެ ސަބަބުން ލޭގެ އޮލަމިން އެއްވަރެއްގައި ހިފަހައްޓައިދޭނެއެވެ. މާނައަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭނެއެވެ. ލޭގެ ޕުރެސަރު ދަށްވިޔަ ނުދީ ހިފަހައްޓައި ދޭނެއެވެ. މީގެ އިތުރުން ތާޒާކޮށްދޭ ސިކުނޑީގެ ދުޅަހެޔޮކަމާއި އެކު ލޭގެ އޮލަކަން ހިފަހައްޓައިދޭ ދިނުމަކީ ފެނުގެ ސަބަބުން ބޮލުގާ ރިހޭ ރިހުންތަކަށް ލުއިކަމެއް ލިބިދާނޭ ކަމެކެވެ. އާދަވެ އާންމުކޮށް ބޮލުގާ ރިހޭ ރިހުންތަކަކީ ފެން ބުއިމުން ފަސޭހަވެދާ ރިހުންތަކެކެވެ.

ބަނޑުހިކުމަކީ އެކަމުގެ ވޭން އިންތިހާއަށް ބޮޑު ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެހެން ސިއްހީ އެތައް މައްސަލަތަކެއްވެސް ކުރިމަތިވެދާ ކަމެކެވެ. ފެނަކީ ބަނޑުހިކުމަށް އޮތް އެއްމެ ރަނގަޅު ފަރުވާއެވެ. ގިނައިން ފެން ބޮވޭނަމަ ބަނޑު ހިކުމުގެ ފުރުސަތު ބޮޑުތަނުން ކުޑަވެއެވެ. މިކަމުގައި އަޖައިބު ކުރުވަނިވި ކަމަކީ ގިނައިން ފެން ބުއިމަކީ އަދި ބަނޑު ދިޔައިވާ ކަމެއް ނޫން ކަމެވެ. އެހެންކަމުން ބަނޑުހިކުމުން ރައްކާތެރިވުމަށް ގިނައިން ފެން ބުއިމަކީ މުހިއްމު ކަމެކެވެ.

ގުރުދާގެ އެކި އެކި ބަލިތަކާއި ގުރުދާގައި ހިލަ އުފެދުމާއި ކުނޑި އުފެދުމަށްވެސް އޮތް ރައްކާތެރިކަމުގެ އެއްމެ ފުރިހަމަ ބާރަކީ ފެނެވެ. އެހެން ކަމުން ގިނައިން ފެން ބުއިމަކީ ގުރުދާގައި ހިލަފަ އުފެދުނަ ނުދީ ދަމަހައްޓައިދޭނޭ ކަމެކެވެ. އަދި އުފެދިފައިވާ ކުނޑިއާއި ހިލަ ބޭރުކޮށްދީ ސާފުވެސް ކޮށްދޭނޭ ކަމެކެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ކުޑަކޮށްދީ ޖަރާސީމު އަށަގަނެއްޖެ ނަމަ އެކަން ފަސޭހަކަމާއެކު ފިލުވައިދިނުމަށްވެސް ފެން އަދާކުރަނީ މުހިއްމު ދައުރެކެވެ.

މީގެ އިތުރުން ފެނުގެ ސަބަބުން އިންސާނާގެ ބަރުދަން ލުއިކޮށްދެއެވެ. ފެން ގިނައިން ބޯ ކަމުގައި ވަނީނަމަ ހަށިގަނޑުގެ މަސްތަކުގައި ޖަހާފައި ހުންނަ ސަރުބީގެ މިންވަރު ވިރުވާލަ ދިނުމަށް އެހީތެރިވެދެއެވެ. އެއާއި އެކު ހަށިގަނޑުގެ ބަރުދަންވެސް ލުއިވެއެވެ. އަދިވެސް އަދިވެސް ފެނުން ލިއްބައިދޭ ފައިދާތައް އިންތިހާއަށް ގިނައެވެ. ލިޔެ ހަދާނަމަ، ގަލަމު ދެލި ހުސްވެދާނެއެވެ. ބުނެ ކިޔާނަމަ އަނގައިގެ ކުޅު ހިކިދާނެއެވެ. އަސްތާއެވެ! ގިނައިން ފެން ބުއިމަކީ ކުޅު ހިކުމުން ވެސް ދުރުކޮށްދޭނޭ ކަމެކެވެ.

ކޮންމެއަކަސް ފެނަކީ އޭގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު އެއްޗެކެވެ. އޭގެ ފައިދާ ގިނަގުނަ އެއްޗެކެވެ. އިންސާނާގެ ދިރިހުރުމަށް އަސާސީ އެއްޗެކެވެ.