އޭޑްސް ބައްޔަކީ އޭގެ ބިރުވެރިކަން ބޮޑު ބައްޔެކެވެ. އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އިންތިހާއަށް ބަލިކޮށްލާ ހަލާކުކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން އެހެން ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދީ ޖެހޒެ ބަލިތަކުގެ ވަރުބޮޑުކޮށް، ފަސޭހަ ނުވެ މީހާގެ ގުނަންތައް ހަލާކުވެ އެއްމެ ފަހުން މީހާ މަރާ ކުރިމަތިލާން ޖެހޭ ބައްޔެކެވެ. މި ލިޔުމުގައި މި ބަލާލަނީ އޭޑްސް ބައްޔާ ބެހޭގޮތުން އެނގުން މުހިއްމު ބައެއް މައުލޫމާތު ތަކަށެވެ. އާދޭހެވެ! އޭޑްސް އޭ މި ކިޔަނީ ބައްޔަށެވެ. ބަލި ޖައްސުވާ ވައިރަހަށް ކިޔަނީ އެޗް.އައި.ވީ އެވެ.
އެޗް.އައި.ވީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހުގައި މި ވައިރަސް ހަށިގަނޑުގެ ވަކި ތަންތަނެއްގައި ދިރިއުޅެމުން ދެއެވެ. އެގޮތުން މި ވައިރަސް ހުންނަ މީހެއްގެ ލޭގެ ތެރޭގައި މި ވައިރަސް ހުންނާނެއެވެ. އަންހެނެއްނަމަ އޭނާގެ ކުރިމަތި ފަރާތުގައި އުފެދޭ ފެނުގައި (ލޮނދީގައި) މި ވައިރަސް ހުރެދާނެއެވެ. ފިރިހެނެއްނަމަ އޭނާގެ ކުރިމަތި ފަރާތުން އަންނަ ލޮންޖާއި މަނީގައި މި ވައިރަސް ހުރެއެވެ. އެޗް.އައި.ވީ ޖެހިފައިވާ މީހެއްނަމަ ދެން މި ވައިރަސް ހުންނަ ކަމަށް ވަނީ ގާތުން ކިރުދޭ މައެއްނަމަ އެ މައިމީހާގެ ކިރުގައެވެ.
އެޗް.ޕީ.އޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 1991 އުން 2021 ގެ ނިޔަލަށް ދިވެރި ހާއްޖޭގައި އޭޑްސް ޖެހިފައިވާ 39 ދިވެހިންނާއި 456 ބިދޭންސީން އެބަ ތިއްބެވެ. މި 39 ދިވެހިންގެ ތެރެއިން 33 މީހުންނަކީ ފިރިހެނުންނެވެ. އަދި އަނެއް 6 މީހުންނަކީ އަންހެނުންނެވެ.
މި ވައިރަސް ފެތުރިދާ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި:
. އެޗް.އައި.ވީ ޖެހިފައިހުރި މީހަކާއެކު ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން.
. އެޗް.އައި.ވީ ވައިރަސް ހުރި ލޭހަށިގަ ނޑަށް އެޅުން.
. އެކަކު ބޭނުންކޮށްފައިވާ ސިރިންޖު/ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުން.
. އެޗް.އައި.ވީ ހުރި މަންމައެއްގެ ފަރާތުން ބަނޑުގައިވާ ކުޑަދަރިފުޅަށް. (ބަނޑުގައި އޮންނައިރު، ވިހެއުމުގެ ތެރޭގައި އަދި ގާތުންދިނުމުގެ ތެރޭގައި ކުޑަދަރިފުޅަށް ބަލި ވާސިލްވެދާނެ އެވެ.)
މިއީ މި ބަލި އާންމުގޮތެއްގައި ފެތުރިދާ ސަބަބުތަކެވެ. އަސްލަކީ މި ވައިރަސް ހުންނަ މީހެއްގެ ވައިރަސް ހުންނަ ދިޔަވަރެއް ވައިރަސް ނެތް މީހާގެ އެއިން ދިޔަވަރެއްގައި ޖެހުމެވެ. މިއީ އަސްލު މި ބަލި ފެތުރޭ ގޮތެވެ. އެހެންކަމުން މި ވައިރަސް ހުންނަ މީހެއްގެ ގައިން ނަގާފައި ހުންނަ ލޭ އެހެން މީހަކަށް އެޅުންވެސް ވަނީ މި ބަލި ޖެހިދާ ސަބަބަކަށެވެ.
އެޗް.އައި.ވީ އަށް ދެވޭ ފަރުވާ އަކީ އެންޓި ރެޓްރޯ ވައިރަލް ފަރުވާ އެކެވެ. މިއީ މި ވައިރަހުގެ ބާރު ދެރަކުރަން ދެވޭ ފަރުވާއެކެވެ. މި ރާއްޖޭގައިވެސް މި ފަރުވާ ލިބެން ހުރެއެވެ. މި ވައިރަސް ޖެހިފައިވާ މީހަކީ ގަވައިދުން މި ފަރުވާ ހޯދާ މީހެއްނަމަ، މި ބަލީގެ ސަބަބުން ޖެހޭ އެހެންބަލިތައް ޖެހުނުގެ ފުރުސަތު ބޮޑުތަނުން ކުޑަވެއެވެ. އަދި ގަވައިދުން މި ފަރުވާ ހޯދާނަމަ، އެމީހެއްގެ ގައިން އެހެން މީހުންނަށް މި ވައިރަސް ޖެހުނަ ނުދޭ މިންވަރަށް ވައިރަހުގެ ބާރު ދަށްކޮށްލައެވެ. އަދި މިއީ ފަރުވާތެރިކަމާއި އެކު ފަރުވާކުރެވިއްޖެނަމަ، މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށްވެސް މި ވައިރަހުގެ އަސަރު ނުކުރާނޭ މިންވަރަށް ވައިރަހުގެ މިންވަރު ދަށްކޮށްލެވެއެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެއްމެ ފުރިހަމަ ފަރުވާއަކީ ބަލި ޖެހުމަށް މެދުވެރިވާ ކަންކަމުން ދުރުވުމެވެ. ދެވަނައީ ބަލި ހުރިތޯ ގަވާއިދެއްގެ މަތިން ޓެސްޓްކޮށް ތަހުލީލުތައް ހެދުމެވެ. މި ފަދަ ބައްޔެއް ޖެހުމަކީ މުޖުތަމައުން އެމީހަކު ބާކީވާން ޖެހޭ ސަބަބެއް ނޫނެވެ. އެހެނީ މިއީ އެކު އުޅުމުންނާއި ގައިގޯޅިވުމަކުން ޖެހޭ ބައްޔެއް ނޫނެވެ. އަދި ހިފާގެންގުޅޭ ތަކެއްޗާއި ފާހަނާ ފަދަ ތަންތަން ހިއްސާކުރުމަކީވެސް މި ބަލި ޖެހިދާނޭ ކަންކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ބައްޔެއް ޖެހުމަކީ "ތަދާ ވޭނުގައި މިހެން ރޯލަން" ޖެހޭނޭ ކަމެއް ނޫނެވެ.
